އިރާނަށް މިއަދު އައި ބިންހެލުމެއްގައި 4 މީހުން މަރުވެ 120 މީހުން ޒަޚަމްވެއްޖެ އެވެ.
މިއަދު މެންދުރު އިރާނު ގަޑިން 01:24 ގައި މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ އިރު އުތުރު ސިޓީއެއްކަމަށްވާ ކަޝްމާރަށެވެ.
ކަޝްމާރުގެ ގަވަރުނަރު ހަޖާތުﷲ ޝަރީއަތުމަދާރީއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި 4.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިމުގެ 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގައި، 4 މީހުން މަރުވެ 120 މީހުންވަނީ ޒަޚަމްވެފައެވެ. އަދި، ޒަޚަމްވީ މީހުންގެ ތެރެއިން 35 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ދަނީ ފަރުވާދެމުންނެވެ.
މި ބިންހެލުމުގައި ކަޝްމާރު ސިޓީގެ ގިނަ އިމާރާތްތަކަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އަދި ބައެއް ބާ އިމާރާތްތައް ބިމާހަމަވެފައިވާއިރު، އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތް ސަލާމަތީ ބާރުތަކާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ދަނީ ކުރަމުންނެވެ.
އިރާން ޖޯގްރަފީގޮތުން އުފެދިފައި އޮންނަގޮތުން ދޭތެރެ ދޭތެރެއިން ބިންހެލުމާއި ކުރިމަތިލާންޖެހެއެވެ. މިިދިޔަ އަހަރު އީރާނަށް އައި 5.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި 3 މީހުން މަރުވެ 800 މީހުން ޒަަޚަމްވެއެވެ. އަދި 2003 ވަނަ އަހަރު އެގައުމުގެ ބަމް ސިޓީއަށް އައި 6.6 މެގްނިޓިއުޑްގެ ވަރަުގަދަ ބިންހެލުމުގައި 31،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ.



