ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިން ފުރަމާނަ ދަތުރުފުޅެއްގައި އުތުރުކޮރެއާއަށް ވަޑައިގެންފި އެވެ.
24 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕުޓިން އުތުރު ކޮރެއާއަށް ކުރައްވާ މިދަތުރުފުޅަކީ އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެކެވެ.
އުތުރުކޮރެއާގެ ވެރިރަށް ޕިޔޮންގްޔެންގްއަށް ޕުޓިންވަޑައިގަތުމުން، އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ އުތުރު ކޮރެއާ ލީޑަރު ކިމް ޖޮންގ އުން އެވެ. ޕުޓިންއަށް މަރުހަބާ ދެންނެވުމަށްޓަކައި އުތުރުކޮރެއާއިން ވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރުވެފަ އެވެ. އެގޮތުން، ޕުޓިންގެ ޝަރަފުގައި ޕިޔޮންގްޔެންގް ގެ މަގުތައްވަނީ ރަޝިޔާގެ ދިދަތަކާއި، ޕުޓިންގެ ފޮޓޯތަކުން ޒީނަތްތެރިކޮށްފައެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިޔާ ކޭ.އެން.ސީ.އޭ އިން ފާހަގަ ކުރާ ގޮތުގައި، ޕުޓިންގެ މި ދަތުރުފުޅުން ރަމްޒު ކޮށްދެނީ މި ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމެވެ.

ޕުޓިންގެ މި ދަތުރުފުޅުގައި، ދެގައުމުގެ ދެމެދު އިޤްތިސާދީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއަދުގެ ވަގުތެއްގައި ރަސްމީ މަޝްވަރާއާއި ދަތުރުގެ ރަސްމީ އިހުތިފާލުތައް ކުރިޔަށް ގެންދާނެކަމަށް އުތުރުކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އުތުރުކޮރެއާއަށް ޕުޓިން ކުރައްވާ މި ތާރީޚީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރުހުގައި ރަޝިޔާގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޮއުސޯފް އާއި، ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯފްގެ އިތުރުން ރަޝިޔާގެ ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ. ޕުޓިން ގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯފްއާ ހަވަލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕުޓިން ގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ރަޝިޔާގެ ރައީސް ޕުޓިންގެ ރަސްމީ ވާހަކަފުޅުތަށް މިހާރު ކުރިޔަށް ދާއިރު، މި ދެ ޤައުމަކީވެސް އެމެރިކާއާއި އ.ދ. އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެ ޤައުމެވެ. ޔޫކްރޭއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އުތުރުކޮރެއާއިން އެހީތެރިވެފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން ވަނީ ތުހުމަތު ކުރައްވާފަ އެވެ. މިދިޔަ އަންގާރަ ދުވަހު ބްލިންކެން މީޑިޔާ ތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އުތުރުކޮރެއާ އާއި އީރާނުން ރަޝިޔާއަށް ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދެމުން ދާ ކަމަށާއި، އެ ޤައުމު ތަކުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރޭއިންގައި ހިންގަމުން ދަނީ ގަތުލުއާންމެއް ކަމަށެވެ.
ޕުޓިން އެންމެ ފަހުން އުތުރުކޮރެއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2020 ވަނަ އަހަރުއެވެ.



