ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލާއި ޗެކް ރިޕަބްލިކް ބައްދަލު ކުރި މެޗުގެ ފަހު ވަގުތު ޖެހި ގޯލަކާއި އެކު ޕޯޗުގަލުން ހަނި މޮޅެއް ހޯދައިފިއެވެ.
މެޗުގައި ޗެކް ރިޕަބްލިކުން ދެއްކި ޑިފެންސިވް ކުޅުމުގެ ސަބަބުން ޕޯޗުގަލަށް ރަނގަޅު ހަމަލާއެއް އުފައްދަން އުނދަގޫތަކާއި ކުރިމަތިވިއެވެ. މި މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ފުޓުބޯޅަ ތަރި އަދި ޕޯޗުގަލް ގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. 39 އަހަރުގެ ރޮނާލްޑޯ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު ދިޔައީ އުންމީދު ކުރަމުންނެވެ. ނަމަވެސް މި މެޗުގައި ރޮނާލްޑޯއަށް ގޯލެއް ޖެހިފައި ނުވާއިރު، ފުރަތަމަ ހާފުގައި ޕޯޗުގަލަށް ލިބުނު ރަނގަޅު ފުރުސަތެއްވެސް އޭނާ ވަނީ ގެއްލުވާލާފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހިތްގައިމު ގޯލަކާއިއެކު ޗެކް ރިޕަބްލިކުން މެޗުގައި ކުރި ހޯދިއެވެ. އޭގެ 7 މިނެޓު ފަހުން ޕޯޗުގަލުން ފޮނުވާލި ހަމަލާއެއް ޗެކް ރިޕަބްލިކް ގެ ކުޅުންތެރިއެއްގެ ފައިގަ ޖެހި އެ ޓީމު ގެ ގޯލް ގެ ތެރެޔަށް ވަނުމުގެ ސަބަބުން، އޯން ގޯލަކުން ޕޯޗުގަލުން 1-1 އިން ޗެކް ރިޕަބްލިކާއި އެއްވަރު ކުރިއެވެ.
ޖަރުމަނުގެ ލެއިޕްޒިގް ގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަހު 15 މިނެޓުގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ޕޯޗުގަލަށްވެސް ގިނަ ފުރުސަތު ތަކެއް ލިބުނެވެ. މެޗުގެ 92 ވަނަ މިނެޓުގައި ޕޯޗުގަލަށް ކުރި ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި 21 އަހަރުގެ ފްރެންސެސްކޯ ކޮންސެންސާއޯ އެވެ. ކޮންސެންސާއޯ ގެ މި ލަނޑާއި އެކު ޕޯޗުގަލުން 3 ޕޮއިންޓު ކަށަވަރުކޮށް، ގްރޫޕުގެ ތާވަލުގެ 2 ވަނައަށް ވަނީ ޖެހިލާފައެވެ. ޕޯޗުގަލުން ދެން ޔޫރޯ ގައި ބައްދަލުކުރާނީ އެ ގްރޫޕުގެ އެއްވަނައިގައި އޮތް ތުރުކީ އާއެވެ.



