އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ކުނި މެނޭޖްމެންޓް ފެސިލިޓީ ނުވަތަ ކުނިން ހަކަތަ އުފައްދާ ޕްލާންޓް ކޮމިޝަން ކުރުމުގެ ތައްޔާރީތައް ފަށައިިފި އެވެ.
ފެސިލިޓީގެ ހިންގުން ސަރުކާރުން ހަވާލުކޮށްފައިވާ ވެމްކޯއިން ބުނީ، އެ ފެސިލިޓީ ކޮމިޝަން ކުރުމަށް ބޭނުންވާ ”ފަންްކްޝަނަލް ގެރެންޓީ ޓެސްޓް“ ހެދުމަށް މިހާރު ތައްޔާރުވުވަމުން އަންނަކަމަށެވެ. އެގޮތުން އެ ޓެސްޓް ހެދުމަށް ބޭނުންވާ 200 ޓަނުގެ ކުނި ތިލަފުށިން މިހާރު އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ. ”ފަންްކްޝަނަލް ގެރެންޓީ ޓެސްޓް“ ގައި ތިލަފުށިން ގެންދިޔަ ކުނި ބޭނުންކޮށްގެން 72 ގަޑީއިރު ފެސިލިޓީ އޮޕަރޭޓްކޮށް، އެއްވެސް މައްސަލައެއް އުޅޭތޯ ޔަގީންކުރާނެއެވެ. އަދި ޕްލާންޓާ ހަވާލުވާނީ ބޭނުންވާ ހުރިހާ މިންގަނޑަކުން ފާސްވުުމުންނެވެ. ވެމްކޯއިން ބުނީ، މި ގެރެންޓީ ޓެސްޓް ހަދާނީ މިމަހުގެ 23 ވަނަ ދުވަހުކަމަށެވެ. މި ޓެސްޓް ކުރިއަށްދާއިރު މިނިސްޓްރީ އޮފް ކްލައިމެންޓް ޗޭންޖް އެންވައިރޮމެންޓް އެންޑް އެނަރޖީގެ މަންދޫބުންވެސް ހަރަކާތްތެރިވާނެއެވެ.
މީގެކުރިންވެސް ވަންދޫއިން ކުނި ގެންގޮސްގެން ”ފަންްކްޝަނަލް ގެރެންޓީ ޓެސްޓް“ ހަދަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ ފަހަރު އެކަންނުކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ. އެހެންކަމުން ވެމްކޯގެ ޓީމަކުން މި ފަހަރުވަނީ ކުރިޔާލާ އައްޑޫ ސިޓީއަށް ގޮސް މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްގެންދާ ކުންފުނީގެ ބޭފުޅުންނާއި މަޝްވަރާކުަރައްވައި، ކުރިން ދިމާވި މައްސަލަތައް ހައްލުވެފައިވޭތޯ ޔަގީންކޮށްފަ އެވެ.

އައްޑޫގައި ޤާއިމް ކޮށްފައިވާ މި ޕްލާންޓަކީ ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަަތޮޅާއި، ފުވައްމުލައް އަދި އައްޑޫސިޓީގައި އުފެދޭ ކުނި ޖަމާކޮށް ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމެކެވެ. އެގޮތުން ދުވާލަކު 50 މެޓްރިކް ޓަނުގެ ކުނި އިންސިނަރޭޓްކޮށް، އޭގެ ހޫނުން ބޮއިލަރަށް ފެން ކައްކާ އޭގެ އުފެދޭ ސްޓީމް ޓާބައިންތަކާއި ދިމާލަށް ފޮނުވައިގެން ކަރަންޓު އުފައްދާނެއެވެ. މި ފެސިލިޓީގައި ގަޑިއެއްގެ މައްޗަށް 1.5 މެގަވޯޓުގެ ކަރަންޓު އުފެއްދޭއިރު، މިހާރު ފެސިލިޓީ ވަނީ ފެނަކަ ގްރިޑާއި ގުޅާލާފައެވެ. އަުފައްދާ ކަރަންޓުގެ ތެރެއިން 1 މެގަވޮޓް ފެނަކައަށް ވިއްކަން ހަމަޖެހިފައިވާއިރު، ބާކީ ބައި ބޭނުންކުރާނީ ވެމްކޯގެ އޮޕަރޭޝަންތަކަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މިއީ ރާއްޖޭގައިވެސް ކޮމިޝަން ކުރެވިގެންދާ މި ބާވަތުގެ ފުރަތަމަ ފެސިލިޓީއެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ފެސިލިޓީ ހިނގަން ފެށުމުން މިހާރު ދެކުނު ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ލިބި، ޑީސެލް އަށް މިހާރު ކުރާ ޚަރަދުން މަހަކު 1.9 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެންދާނެއެވެ.



