ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވެއްޖެ އެވެ.
އަބްދުލްހަންނާން އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 87 އަހަރެވެ. ހަންނާނަކީ ކިލެގެފާނުކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.
ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފަ އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިގު މުއްދަތެއްގައި ގައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ، ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއްކަމަށެވެ. އަދި، މަރުޙޫމް އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި ސުވާރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ހެޔޮ ދުޢާވެސް ކުރައްވާފަ އެވެ.
ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު ވަނީ، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަގާމުގައި ދައުލަތަށް ޚިދުމަތްކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއްވެސް ދިގު މުއްދަތެއްގައި ޤައުމަށް ކޮށްދެއްވާފައެވެ.


