މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންތަށްތަކެއް ފާހަގަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖުގެ އޮޕަރޭޝަނާއި ގުޅޭގޮތުން މީޑީއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވީ، ހައްޖު އޮޕަރޭޝަން ކާމިޔާބުކަމަށެވެ. އަދި، މިފަހަރު ހައްޖުގައި ދިވެހި ޙާޖީންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވުނުއިރު، ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ފާހަނގަ ކުރެވުނު ކަމަށް ވިދާޅުވެ، އެކަންކަން ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
”މިއީ ޙައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު، ﷲ ގެ ރަޙުމަތުން ޙައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރަން. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް.“ ޑރ. ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ހައްޖު އޮޕަރޭޝަންގެ ތެރެއިން ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނުކަމަށެވެ. އެގޮތުން، ހާޖީންގެ ތެރޭގައި ތިބި ޑައިލެލިސް ހަދާ ފަރާތްތަކާއި، ކެންސަރު ފަރުވާ ހޯދާ ފަރާތްތަކާއި، ހިތުގެ ބަލި ހުންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދެވުނުކަމަށެވެ. އަދި، އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދިންކަންވެސް މިނިސްޓަރު ފާހަނގަކުރައްވާފައި ވެއެވެ.
”ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު. ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު. އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ.“ ޑރ. ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރިނަމަވެސް، އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. މިފަހަރު ހައްޖަށްދިޔަ ފަރާތްތަކަށް ޓްރެކިން ޑިވައިސެއް ދީފައިވާއިރު، މިނިސްޓަރު ޝަހީމް ވިދާޅުވީ މަގު އޮޅުނު 100 އެއްހާ ހާޖީން ޑިވައިސްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު ކަމަށެވެ. އަދި، ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ހާޖީންނަށް ކާނާ ފޯރުކޮށްދެއްވުނުކަން ފާހަނގަ ކުރައްވައި، މިނިސްޓަރު ވަނީ ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު ދަންނަވާފަ އެވެ.
މިނިސްޓަރު ވަނީ ހައްޖު އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިޔަޑް ގެންދިއުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި، މުވައްޒަފުންނާއި، ހައްޖާޖީންގެ އެހީތެރިންނާއި، ހައްޖު މިޝަންއާއި، ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނާއި، އިލްމުވެރިންނާއި، ހައްޖު ކަވަރޭޖް ގެނެސްދިން މީޑިއާތައް ހިމެނެއެވެ.
މިއަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 1150 މީހުން ހައްޖަށް ދިޔައެވެ. އޭގެތެރޭގައި ދައުލަތުގެ ޚަރަދުގައި ހައްޖަށްދިޔަ މީހުންވެސް ހިމެނެއެވެ.




