ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ފޭސްބުކް(އެފްބީީ) ގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއިއޯ އިސްމާއިލް ވަޖީހު އިބްރާހިގެ ނަމުގައި ފޭކް އެކައުންޓެއް ހަދައި، އެ އެކައުންޓުން އެކި މީހުންނަށް ސައްހަ ނޫން މެސެޖުތައް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ވަޖީހު އަސްލު އެފްބީ އެކައުންޓުން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ނަމުގައި އެފްބީގައި ހުޅުވާފައިވާ އެކައުންޓު މެދުވެރިކޮށް އެހެން މީހުންނަށް ޞައްޙަ ނޫން މެސެޖްތަކެއް ފޮނުވަމުންދާ ކަމަށެވެ. އަދި، މި އެކައުންޓްއިން ކުރާ މެސެޖްތަކަށް ސަމާލުކަން ނުދިނުމަށާއި، އެ އެކައުންޓް ރިޕޯޓްކޮށް ދެއްވުމަށް އެންމެހައި ފަރާތްތަކުގެ ކިބައިން ވަޖީހު އެދިވަޑައިގެންފައި ވެއެވެ.

ވަޖީހުގެ އަސްލު އެކައުންޓުގައި 4،000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އިބްރާހިމް ވަޖީހު(މެންޑިސް) ޖަހައިގެން ހަދާފައިވާ ފޭކް ޕްރޮފައިލްގައި މިހާތަނަށް އާއި އިރު ތިބީ 674 މީހުންނެވެ. 09 ޖުލައި 2022 ގައި ހަދާފައިވާ މި އެކައުންޓްގެ ކޮންޓެންޓަށް ބަލާއިރު ގިނައިން ހުރީ، އެހެންގައުމެއްގެ ބަހުން ކޮށްފައިވާ ޕޯސްޓްތަކެކެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ވަޖީހު އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހުގެ 23 ވަނަ ދުވަހު އެވެ. އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިންވެސް 2013 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމަޔަށް އެމްޕީއެލްގެ އެކި މަގާމުތައް ފުރުއްވާފައި ވެއެވެ. އޭގެތެރޭގައި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުކަމާއި، ޖެނެރަލް މެނޭޖަރުކަމާއި، އެސިސްޓެންޓް ސީއީއޯކަމުގެ މަގާމު ހިމެނެއެވެ.
ސީއީއޯގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، 9 އަަހަރު އެކުރެވުނު ތަޖުރިބާގެ އަލީގައި އެމްޕީއެލްއަށް ފައިދާހުރި ގިނަގުނަ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ އަބުރު ކަތިލައި، އަގުވެއްޓޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބައެއް ފަރާތްތަކުން ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ. އެމްޕީއެލްއިން ބުނެފައިވަނީ އެއީ، ސިޔާސީ މަގްސަދެއްގައި ބަޔަކު މީހުން ކުރަމުން އަންނަކަމެއް ކަމަށެވެ.



