މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން ސައުދީއަށް ދިޔަ 1،150 ހައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ސައުވީހަށް، ޝަކީލް ވިދާޅުވީ، ހާޖީން ސައުދީއަށް ދިޔަގޮތަށް، އެނބުރި ރާއްޖެ އައުމަށްވެސް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ގްރޫޕް ޖޫން 24 ގައި، ދެވަނަ ގްރޫޕް ޖޫން 28 ގައި އަދި ތިން ވަނަ ގްރޫޕް ޖުލައި މަހުގެ 1 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ފަހު ފްލައިޓްގައި ފުރި މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ، ދިވެހި ހުރިހައި ހައްޖާޖީންގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި، ރޭގެ ބައެއް ހާޖީން ޠަވާފުލް އިފާޟާ ފުރިހަމަ ކޮށްފައިވާއިރު، ބާކީ ތިބި މީހުން އެކި ގްރޫޕްތަކަށް ބަހާލައިގެން މިއަދު ޠަވާފުލް އިފާޟާކުރުމުގެ ކަންކަން ކުރިޔަށްގެންދާކަމަށެވެ.
ޝަކީލް ވިދާޅުވީ ހައްޖުގެ އޮޕަރޭޝަން ކުރިޔަށްދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި، އަބަދުވެސް ރަނގަޅުކުރަންޖެހޭނެ ކަންކަން ހުންނާނެކަމަށާއި، މިފަހަރު ތަޖުރިބާ ކުރެވުނު ކަންކަން އަންނަ އަހަރަށް ރަނގަޅުކުރުމަށްޓަކައި، ކުރިޔާލާ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން އެކަންކަން ބަލައި ފިޔަވަޅު އަޅަމުންގެންދަވާނެކަމަށެވެ.
ޝާކީލުގެ ވާހަަކަފުުޅުގައި މިއަހަރު ހައްޖު ކޯޕަރޭޝަންއިން އަަލަށް ތައާރަފު ކުރި ހައްޖުވެރިން ލޮކޭޓްކުރާ ޑިވައިސްގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަަނގަކުރެއްވި އެވެ. ވިދާޅުވީ އޭގެ ސަބަބުން ހާޖީން ގެއްލުނުތާ ކުޑައިރުކޮޅެއްގެތެރޭގައި އެމީހުން ލޮކޭޓްކޮށް އަނބުރާ ޓެންޓުތަކަށް ގެނެވުނު ކަމަށެވެ.
”އާންމުގޮތެއްގައި އަރާފާތާއި، މުޒްދަލިފާގައި ހަރަކާތްތެރިވާއިރު އަދި ޖަމްރާއަށް ހިލައުކުމުގައި ހާޖީން ރާސްތާ އޮޅިގެން ގެއްލުމަކީ އާންުމުކޮށްވާކަމެއް. މީގެކުރިން ވެއްޖިއްޔާ ގެއްލިގެން ހޯދަން ވަރަށް ގިނަ ވަގުތު ނަގާ. އެއީ ބޮޑު މަސައްކަތެއް. އެހެންނަމަވެސް، މިފަހަރު އެޓެގް ބޭނުންކޮށްގެން ކުޑައިރުކޮޅެއްގެ ތެރޭގައި ހޯދައިގަނެވުނު. އަދި ޓެންޓަށް ގެނެސް މެޑީކަލީ ފިޓްތޯ ވަގުތުން ޗެކްކުރެވޭ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އެކަން މިއަހަރު ދިޔައީ.“ ޝަކީލު ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ، މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ބަލި ހާލަތު ބޮޑު މީހުން ތިބި ނަމަވެސް، އެމީހުންގެ ފަރުވާގެން ކަންކަމާއި، އަދި ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހައި އިންތިޒާމެއް ވަރަށް ތަރުތީބުކުރެވިގެން ކުރިޔަށް ދިޔަ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރިޔަށްގެންދެވުނީ، ވަަރަށް ގިނަ ފާރާތްތަކެއްގެ އެއްބާރުލުމާއި އެކުގައިކަން ފާހަނގަކުރައްވައި ޖުމްލަގޮތެއްގައި ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.



