1445 ވަނަ އަހަރުގެ ޙައްޖުގެ ކަންކަން ފުރިހަމައަށް އިންތިޒާމު ކޮށްފައިވާތީ، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ތައުރީފު ކުރައްވައި، ހައްޖު އޮޕަރޭޝަން ކުރިޔަށްގެންދިޔަ މުއައްސަސާތަކަށް ޝުކުރު އަދާ ދަންނަވައިފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށާއި، ދިވެހި ޙައްޖު މިޝަންއަށާއި، ޙައްޖު ކޯޕަރޭޝަނަށް ތައުރީފުކުރައްވައި، އަނީލް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ފާއިތުވި 2 އަހަރުގެ ޙައްޖުގެ އިންތިޒާމްތަކުގައި އިސްކޮށް ޙަރަކާތްތެރިވި މީހެއްގެ ހައިސިއްޔަތުން، ވުޒާރާގެ ޓީމުން މިއަހަރުގެ ޙައްޖުގެ ކަންކަމާ ގުޅިގެން ކުރެއްވި މަސައްކަތާމެދު ފަޚުރުވެރިވާކަމަށެވެ. އަދި އެކަމަށްޓަކައި ވުޒާރާއަށާއި، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ވޮލަންޓިއަރުންގެ ޓީމަށާއި، ހައްޖު މިޝަންއަށް އަނީލް ވަނީ މަރުހަބާ އާއި ޝުކުރު ދަންނަވާފަ އެވެ.
މީގެކުރިން ސަރުކާރަށް ލިބޭ ހައްޖު ކޯޓާ އެހެން އަމިއްލަ ކުންފުނިންތަކަށް ވަކި އުސޫލެއްގެ ދަށުން ދެމުން އައި ނަމަވެސް، މިއަހަރު ލިބުނު ހުރިހައި ކޯޓާއަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީހުން ގެންދަން ނިންމިއެވެ. މިކަމާއި ގުޅިގެން ބަޔަކު މީހުންގެ ނުރުހުންވެސް ސަރުކާރަށް އަމާޒުވިއެވެ. އެހެންނަމަވެސް އަނީލް މިކަން ފާހަނގަ ކުރައްވާފައިވަނީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގަ އެވެ.
”އެންމެ ބޮޑަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ އެއް ކަމަކީ، މިއަހަރުގެ ޙައްޖަށް މީހުން ގެންދިޔުން ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ޙަވާލުކުރެއްވިކަން. އޭގެ ސަބަބުން މިދިޔަ އަހަރުތަކުގައި ދިމާވި އެތައް ކަމެއް ހައްލުވެގެން ދިޔަ. އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި. އެކަންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނަން.“ އަނީލް ވިދާޅުވެފައި ވެއެވެ.
އަނީލް ވިދާޅުވީ، ޙައްޖުގެ އޮޕަރޭޝަނަކީ ބުރަބޮޑު އުނދަގޫ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ އޮޕަރޭޝަނެއްކަމަށާއި، ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި އަހަރަކަށްވުރެ އަހަރެއް ކަންކަން ރަނގަޅުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާއި ވުޒާރާއިން އަބަދުވެސް ކުރަމުން ގެންދާކަަމަށެވެ. މިއަހަރުވެސް ޙައްޖުގެ ކަންކަމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކުރެވުނު ކަމަށާއި، އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާކަމަށެވެ.
ބައެއް ފަރާތްތަކުން ހައްޖުގެ ޚިދުމަތްތައްވެސް ސިޔާސީ ކަމަކަށް ހަދައި އެކި މަންސަތަކުގައި ސަރުކާރަށާއި ހައްޖު ކޯޕަރޭޝަނަށް ފާޑީކިޔަމުންދާތީ އެކަމަށް އަމާޒުކޮށް އަނީލް ވިދާޅުވެފައިވަނީ، ދުރުގައި ތިބެ، ސޯޝަލްމީޑިއާގައި ފާޑުކިޔުމަކީ ނުހަނު ފަސޭހަ ކަމެއްކަމަށެވެ. އަދި އެގޮތަށް އެކަންކަން ކުރުުމުގެ ބަދަލުގައި، މިނިސްޓްރީގެ ކަރާމާތް ދެމެހެއްޓުމަކީ ޒިންމާއެއްކަމުގައި ދެކި އެ މިނިސްޓްރީގެ ހައިބަތު ދަމަހައްޓަން އެންމެންވެސް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަނގަކުރެއްވި އެވެ.
”އެއިރެއްގައި އޮންނަ ސަރުކާރަކާ ދިމާއަށް އިދިކީލަ ސިޔާސީ ނަޒަރަކުން ނޫނީ ބަލާލަން ނޭނގޭ މީހަކަށް މިހިރަ މިހަރަ ކަންކަން ވިސްނައިގަތުމާއި ބަލައިގަތުން ފަސޭހަ ނުވާނެ. އިސްލާމިކް މިނިސްޓްރީގެ ޤަދަރާއި ޢިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ އިސްލާމްދީންދެކެ ލޯބިވާ، ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި ދެކެން. ސިޔާސީ މީހުން ބަދަލުވާނެ. އެހެނަސް ވުޒާރާގެ ހައިބަތު ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރަންވާނެ. “ އަނީލް ވިދާޅުވެފައި ވެއެވެ.
މިއަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 1150 މީހުން ހައްޖަށް ދިޔައެވެ. އޭގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ހައްޖަށް ދިޔަ 150 މީހުންވެސް ހިމެނެއެވެ. އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަންއިން ވެސް ބުނެފައިވަނީ ވަނީ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބުކަަމަށާއި، މިއަހަރު ފާހަނގަކުރެވުނު ކަންކަން އަންނަ ރަނގަޅުކޮށް އަންނަ އަހަރުގެ ހައްޖު މޫސުން އަންނަނަވާއިރަށް ފިޔަވަޅު އަޅާނެކަަމަށެވެ.




