ދަނޑުވެރިކަމަށް ސަރުކާރުން ވަރުވާއަށް ދޫކޮށްފައިވާ، ނ އަތޮޅު ވަވަތިއަށް މިއަދު ޑިންގީއެއް ލައްގާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މި ޑިންގީގައި ތިބީ ތިން މީހުން ކަމަށާއި، އެ ތިން މީހުންނަކީވެސް ސޯމާލިޔާއަށް ނިސްބަތްވާ ތިން މީހުންކަމަށެވެ. މިމީހުންނާއި އެ މީހުން ދަތުރުކުރި ޑިންގީގެ ފޮޓޯވެސް ފުލުހުންވަނީ މީޑިއާއާ ހިއްސާކޮށް ފައެވެ. އެހެންނަމަވެސް، މިކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާތީ މިއީ، ރާއްޖޭގެ ކަނޑުގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަތް ބައެއްތޯ ނުވަތަ ހާލުގައި ޖެހިގެން އައި ބައެއްކަމަށް އަދި ސާފެއް ނުވެއެވެ.

އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ދަނީ ވަވަތީގައި ހަރަކާތްތެރިވަމުންނެވެ.
ދޭތެރެ ދޭތެރެއިން އެހެން ގައުމުތަކުގެ މަސްވެރިން ހާލުގައި ޖެހިގެންނާއި، މަސްވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަދެ އުޅެއެވެ. މީގެ ކުރިންވެސް ސޯމާލިއާއަށް ނިސްބަތްވާ އުޅަނދުތައް ރާއްޖެ އެތެރެވެފައި ވެއެވެ.




