ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެ ތަމްޞީލުކުރާނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤް ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން ބުނީ، ފެތުމުގެ ކުޅިވަރުން އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއަށް ލިބިފައިވާ މި 2 ފުރުޞަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެފުރުޞަތު ކަމަށެވެ. އެގޮތުން، އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި 2 ފެތުންތެރިން ހޮވީ، ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންކަމަށް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
އޮލިމްޕިކްސް ވާދަކުރާނެ ފެތުންތެރިން ކަނޑައަޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައްވެސް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިންކަމަށް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
މި ފަަހަރުގެ އޮލިމްޕިކްސްގައި ރާއްއިން ވާދަކުރަނީ އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސްގެ އިތުރުން ފެތުމެވެ. މިހަތަރު ކުޅިވަރުން، ރާއްޖެއިން މި ފަހަރު ބޮޑު ކޮންޓިންޖެންޓޭއް ބައިވެރިވާއިރު، އެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސާފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.




