މަސްވެރިންނަށް މިފްކޯއަށް ދޭން ހުރި ފައިސާ ނުދައްކައިގެން އައްޑޫ މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް، މަސްވެރިންގެ އަޑުތައް އައްސަވަމުން ގެންދަވާ ކަމަށާއި، މަސްވެރިންގެ ހުށަހެޅުންތަކަށް ދެދުވަސްތެރޭގައި ޖަވާބެއް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވާކަމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން(ޢައްދު) ވިދާޅުވެއްޖެ އެވެ.
ސައުވީހަށް، އައްދު ވިދާޅުވީ، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ މިފްކޯ ކޮމްޕްލެކްސް ކައިރީ އިއްޔެއިން ފެށިގެން މަސްވެރިން މުޒާހަރާކުރަމުން އަންނަކަމަށާއި، މަސްވެރިންގެ ޓީމުން އެއްވެސް ވެރިއަކާ ބައްދަލުނުވެގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އެދިވަޑައިގަތުމަށް، އިހުތިޖާޖުކުރަމުންދާ ތަނަށް ގޮސް މަސްވެރިންނާއި ބައްދަލުކޮށް މަސްވެރިންގެ ކަންބޮޑުވުންތައް އެއްސެވިކަމަށެވެ. އެގޮތުން، މި ވަގުތު މަސްވެރިން މައިގަނޑުގޮތެއްގައި ކުރަމުން އަންނަނީ ތިން ޑިމާންޑެއްކަން ފާހަނގަކުރެއްވި އެވެ. އެއީ، މިހާރު މަސްވެރިންނަށް މިފްކޯއިން ދޭން ހުރި ޕެންޑިންގް ބިލުތަކަށް ވަގުތުން ފައިސާ ދެއްކުމާއި، މިނިސްޓަރު އިހުތިޖާޖުގެ ބައިވެރިންނާ އަމިއްލަފުޅަށް ވަޑައިގެން ސީދާ ބައްދަލުކުރެއްވުމުގެ އިތުރުން، ކުރިޔަށް އޮތް ތާނގައި މިފްކޯއިން ކިރާ މަހަށް މަދުވެގެން 15 ދުވަސްތެރޭގައި ފައިސާ ދައްކަން މިފްކޯއިން އެއްބަސްވުމެވެ.
މަސްވެރިންގެ މި ޑިމާންޑްތައް އަޑު އެއްސެވުމަށްފަހު، މިހާރު މި ނިމިގެންދަނީ ބޮޑު ބަންދަކަށްވެފައި އެކަންކުރަން ދަތިކަމަށް ވިދާޅުވެ، ކުރިޔަށް އޮތް ދެދުވަސްތެރޭގައި މަސްވެރިންނަށް ޖަވާބެއް ދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވިކަމަށް، އައްދު ވިދާޅުވި އެވެ.
”މިނިސްޓަރަށް ފޯނުން އަޅުގަނޑު މަސްވެރިންގެ ޑިމާންޑްތައް ދެންނެވިން. މިނިސްޓަރު ވިދާޅުވީ، ކުރިޔަށް އޮތް ދެދުވަސް ތެރޭ ޖަވާބެއް ދެއްވާނެކަމަށް ސީދާ މިވަގުތު ވަކި ދުވަހެއްގައި ޕެންޑިންގ ޕެއިމެންޓް ދެވޭނެއެކޭ މިއަދު ނުބުވޭނެޔޭ. ބައްލަވާށޭ ކުރިޔަށް މިއޮތް ހަފުތާ ނޫނީ ޖެހިގެން އޮތް ހަފުތާތެރޭގައި ޕެއިމެންޓް ހަމަޖެހޭނެކަމަށް.“ އައްދު ވިދާޅުވި އެވެ.
އައްދު ވިދާޅުވީ، މަސްވެރިން ފޯނުގެ ޒަރީއާއިން މިނިސްޓަރާއި ވާހަކަދައްކަން ބޭނުން ނުވާތީ އައްދު މެދުވެރިވެ، މިއަދުގެ ހަވީރުގެ ވަގުތެއްގައި މިނިސްޓަރު މަސްވެރިންނާ ޒޫމް މެދުވެރިކޮށް ބައްދަލުކުރަން މިހާރު ނިންމަވާފައިވާކަމަށެވެ. އެގޮތުން، މަސްވެރިންގެ ތެރޭގައި އިސްކޮށް ތިބި 20 މަސްވެރިއަކާއެކު އައްދުގެ ކެމްޕޭން އޮފީހުގައި ބައްދަލުވުން ބޭއްވުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
އައްދު ވިދާޅުވީ، މަސްވެރިން އިހުތިޖާޖުގައި ކުރަމުންދާ ޑިމާންޑްތަކަށް ސަރުކާރުން ޖަވާބުދާރީ ނުވަނީސް ހުއްޓާނުލާނެކަމަށް މަސްވެރިން ބުނި ކަމަށެވެ. އަދި، މުޒާހަރާ އިތުރަށް ފުޅާކުރުމަށްވެސް ރާވަމުން އަންނަކަމަށް މަސްވެރިން މައުލޫމާތު ދިންކަމަށެވެ.
Addu City Masveringe Adu.
Day 2 pic.twitter.com/5T2RiGldIe— keyolhage Dhiye (@keyolhagedhiye) June 22, 2024
އައްދު ވިދާޅުވީ އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުންވެސް އަދި ރައްޔިތުންގެ މަޖިލީޙުގައި އައްޑޫ ތަމްސީލުކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސްވެރިން ކުރަމުން އެގެންދާ ޝަކުވާތައް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި، މަސްވެރިންގެ ފައިސާ އެއޮންނަ އުސޫލަކުން މަސްވެރިންނަށް ދޭންޖެހޭނެކަމަށާއި، އެއީ މަސްވެރިންގެ ހައްގެގެއްގެގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އައްދު ވިދާޅުވި އެވެ.
”މަސްވެރިން އެކުރަނީ ޖެނުއިން ޝަކުވާއެއްކަމަށް އަޅުގަނޑު ދެކެނީ. މަސްވެރިންނަކީ އެހަފުތާއެގައި ލިބޭ ފައިސާކޮޅުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން އުޅޭ ބައެއް. އެގޮތަށް ހަމަނުޖެހުނީމަ އަސްލު ވަރަށް ދަތިކޮށް އެއުޅެނީ. އަޅުގަނޑަކީ އާންމުންތެރޭގައި ގިނައިން އުޅޭ މީހެއް ވީމައި ވަރަށް ގާތުން ހާލަތު އިނގޭ. އީދުގަވެސް އަސްލު ވަރަށް ހާލުގަ އެމީހުން އުޅުނީ. އަޅުގަނޑު ގަބޫލުކުރާ ހަަމައަކީ މަސްވެރިންނަށް ފައިސާ ދޫކުރުން.“ އައްދު ވިދާޅުވި އެވެ.
އައްދު ވިދާޅުވީ ސަރުކާރާއި މިފްކޯއަށްވެސް ފައިސާ ދިނުމުގައި ދަތިތަކެއް އުޅޭކަން ގަބޫލުކުރެއްވޭ ކަމަށެވެ.




