މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ 18:00 އިން މިރޭ 22:00 އާ ހަމަޔަށެވެ. އެލާޓް ނެރެފައިވަނީ ހއ އިން ފެށިގެން މ އަތޮޅާ ހަމަޔަށެވެ.
އެލާޓުގައި ބުނެފައިވަނީ، އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
އިއްޔެ މެންދުރުން ފެށިގެން އުތުރުުގެ ސަރަހައްދަށް މޫސުން ގޯސްވެ އިއްޔެ މެންދުރު 01:30 އިން ފެށިގެން މިއަދު ހަވީރު 06:00 ޖެހުމާ ހަމަޔަށް އުތުރުގެ އަަތޮޅުތައް އޮތީ ވައިޓް އެލާޓުގައެވެ. މިހާރުވެސް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ. މެޓް އޮފީހުން ބުނީ، މޫސުން ރަނގަޅުވާން ފަށާނީ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި، އެއަށްފަހުވެސް ވައި ގަދަވާނެ ކަމަށާއި، އެ އަތޮޅުތަކަށް ވައި މަޑުވާން ފަށާނީ ބުދަ ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.



