އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރިޔަށްގެންދާ އިހުތިޖާޖު ގާނޫނީ ހުދޫދުގެތެރެއިން ކުރިޔަށް ގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ، މަސްވެެރިންގެ އިހުތިޖާޖު ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެތެރެއިން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ފުލުހުން މިހާރުވެސް ދެމުން އަންނަކަމަށެވެ. އަދި، މި އިހުތިޖާޖާ ގުޅިގެން މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮަޕަރޭޝަންތަކަށް ހުރަސް އެޅިފައިވުމާއެކު، އޮަޕަރޭޝަން އަލުން ފެށޭނެ މާހައުލެއް ގާއިމުކޮށްދިނުމަށްވެސް ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުންދާކަމަށެވެ.
އިއްޔެ މެންދުރުން ފެށިގެން ފުލުހުން މިފްކޯ ކޮމްޕްލެކްސް ތެރޭގައި އިހުތިޖާޖުކުރަމުން އައިސް، މިއަދު މެންދުރުވަނީ އެތަނުން ކަރަންޓު ކަނޑާލާފަ އެވެ. މަސްވެރިން ކަރަންޓު ކަނޑާލުމުން އެތަނުގައި މަސައްކަތްކުރާ ދިވެހީންނާއި ބިދޭސީން ހިމެނޭހެން 50 އެއްހާ މުވައްޒަފުން ކާނެ ގޮތެއް ނެތި ގޮތް ހުސްވިއެވެ. އެއީ އެމީހުންގެ ކެއުމުގެ ކަންކަން ހަމަޖައްސާފައިވަނީ ކޮމްޕްލެކްސް ބަދިގެއިން ކަމަށްވާތީ އެވެ. ކަރަންޓް ކަނޑާލުމުން، ކޮމްޕްލެކްސްގެ އޮޕަރޭޝަން ހުއްޓުމުން އެތަނުގައި ހުރި މަހުގެ ކޮލިޓީއަށް އަސަރުކުރާނެކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
ފުލުހުން ވަނީ އިހުތިޖާޖުކުރުމުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި، ޝުއޫރުކޮށްތަށް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމުކޮށް، މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.
ފުލުހުން ބުނީ، އިހުތިޖާޖު ކުރިޔަށްދާއިރު، ފުލުހުން އަމާން ގާއިމުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ގާނޫނާ ގަވާއިދާ ޚިލާފު އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދޭކަމަށެވެ. އަދި، އިހުތިޖާޖުގައި ގާނޫނާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށްވެެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އައްޑޫ މަސްވެރިން އިއްޔެ ފެށި އިހުތިޖާޖު ހުއްޓާނުލާ އަދިވެސް ކުރިޔަށް އެބަގެންދެއެވެ. އެމީހުންގެ ޑިމާންޑަކީ އެމީހުން ކުރިމައްޗަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވަޑައިގެން އެމީހުންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމާއި، މިފްކޯގެ ޕެންޑިން ބިލުތަކަށް އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރުމާއި، ކުރިޔަށް އޮތް ތާނގައި މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 15 ދުވަސްތެރޭގައި ފައިސާ ދައްކަން މިފްކޯއިން އެއްބަސްވުމެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވަނީ، މަސްވެރިން އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ވަރަށް ގާތުން މަސްވެރިންގެ ހާލަތު ބަލަމުން، އަޑުއަހަމުންދާކަމަށާއި، އެކަމުގައި މިފްކޯއާއި، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މަސްވެރިންނާ ހިއްސާ ކުރަމުން އަންނަކަމަށެވެ. މިނިސްޓަރު މިއަދު ވިދާޅުވެފައިވަނީ ދެދުވަހެއްގެ ތެރޭގައި މަސްވެރިނގެ ޝަަކުވާތަކަށްް ޖަވާބެއް ދެއްވާނެކަމަށެވެ.



