އައްޑޫ ސިޓީ އަށް ދާއިމީ ގޮތެއްގައި ޕެރިޝަބުލް ކާގޯ ގެންދެވޭނެ ގޮތް ހަަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ފޭސް ބުކްގައި ވަޖީހު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބުލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖެނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެ، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޚިދުމަތް ދޭން ފަށާނެކަމަށެވެ.
”މީގެ ކުރިން މި ޚިދުމަތް ދެވެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ޚިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއްގައި. އެހެން ކަމުން އަހަރު ތެރޭ ގިނަ ދުވަސްތަކެއްގައި، އެ ސިޓީއަށް ބޭނުންވާ، މި މުދާ ގެންނަން ޖެހެނީ މާލެ އިން. 1 ޖުލައި ން ފެށިގެން މި ޚިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، މި ޚިދުމަތް ލިބެމުން ދާނެ.“ ވަޖީހު ވިދާޅުވެފައި ވެއެވެ.
އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި އަދި ތަރުކާރީގެ އެހެން ބާވަތް ތަކާއި، މޭވާގެ ބާވަތްތަކެވެ. މީގެ އިތުރުން އައްޑޫ ސިޓީ ގެ ރައްޔިތުން، އިންޑިއާ އިން ގެންދަން ބޭނުންވާ، ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯ ގެ ބާވަތްތައްވެސް ހިމެނޭނެކަމަށް ވަޖީހު ވިދާޅުވެފައި ވެއެވެ.
އައްޑޫއަށް ޕެރިޝަބުލް ކާގޯގެ ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ، ރާއްޖޭ އަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރި ކޮށްނެވެ. ދަތުރުތައް ރާ ވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށްކަމަށްވެސް ވަޖީހު ވިދާޅުވެފައި ވެއެވެ.


