ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މެންބަރު ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ، މަސްވެރިންނަށް މިފްކޯއިން ފައިސާ ބަރާބަރަށް ދައްކަމުން ނުދާތީ އެކަމާއި ނުރުހުން ފާޅުކޮށް އައްޑޫ ސިޓީ މަސްވެރިން ސުލްހަވެރި އިހުތިޖާޖެއް ކުރަމުންދަނިކޮށް، އެކަން ސިޔާސީކޮށް އިދިކޮޅު ފަރާތްތަކުން އެކަމަށް ވާގިވެރިވެދޭކަމަށް ތުހުމަތުކޮށްނެވެ.
މިކަމާއި ގުޅުވައިގެން ޝުޖާއު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައިވާ ފައިސާ އާއެކު 800 މިލިއަން ރުފިޔާ މަސްވެރިންނަށް ފައިސާ ޗާޕް ނުކޮށް ދިނުމަކީ މި ސަރުކާރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި، މިހާތަނަށް ނުދެވިފައިވާ ފައިސާ ލަސްތަކެއްނުވެ މަސްވެރިންނަށް ސަރުކާރުން ދޫކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ޝުޖާއު ވިދާޅުވެފައި ވެއެވެ.
މިހާރު މަސްވެރިން ކުރަމުންދާ މުޒާހަރާއަކީ، އިދިކޮޅު އެމްޑިޕީއާއި ރައީސް ޔާމީނު އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް(ޕީއެންއެފް) އަޑީގައި ތިބެގެން ރާވަައިގެން ހިންގަމުންދާ މުޒާހަރާއެއްކަމަށް ތުހުމަތު ކުރައްވައި ޝުޖާއު ވިދާޅުވެފައިވަނީ، މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް ދޭން ހުރި ފައިސާ ލަސްތަކެއްނުވެ ސަރުކާރުން ދޭނެކަން އެޕާޓީތަކަށް ޔަޤީންވާތީ ކަަމަށެވެ.
”އަޅުގަނޑުމެންނަށް ތިއޮޕަރޭޝަން ހިނގާގޮތް ވަރަށް ސާފުކޮށް އެބަ އެގޭ. ރައީސްގެ ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރަށް އަދި މާރަގަޅަށް ތި އޮޕަރޭޝަން(މަސްވެރިންގެ މުޒާހަރާ) ދާގޮތް ސާފުވޭ. މިސަރުކާރުގެ ވަޒީރުން މުޒާހަރާ ކުރަންޏާ އަޑު އަހާނެ. ހައްލުވެސް ކުރާނެ. ނަމަވެސް މީގެ ކުރިން މަސްވެރިކަމާބެހޭ ވަޒީރެއް ހުންނަ ކަމެެއްވެސް ނޭނގޭ. އަދި މަސްވެރިން މުޒާހަރާކުރީމައި އެ އެންމެން ލަނީ ޖަލަށް.“ ޝުޖާއު ވިދާޅުވެފައި ވެއެވެ.
ޝުޖާއުގެ މެސެޖު ނިންމާލަމުން ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެކަމަށެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީއަށް ނިސްބަތްވާ މަސްވެރިން ގެންދަނީ އެސިޓީގެ ހުޅުދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ ތެރޭގައި އިހުތިޖާޖުކުރަމުންނެވެ. އިހުތިޖާޖުގެ ތެރޭގައި އިއްޔެ މަސްވެރިން އެ ކޮމްޕްލެކްސްގެ ކަރަންޓްވެސް ކަނޑާލިއެވެ. ކަރަންޓް ކަނޑާލުމުން ކޮމްޕްލެކްސްގެ އޮޕަރޭޝަން ހުއްޓިފައި އޮތުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ އަލުން ކަރަންޓް ދީފަ އެވެ. މިކަމާއި ގުޅިގެން ފުލުހުން ވަނީ، އިހުތިޖާޖުގެ ތެރޭގައި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގައި މަސްވެރިން އިހުތިޖާޖުކުރުމަށް އިލްތިމާސްވެސް ކޮށްފަ އެވެ.
މިއަދުވެސް މަސްވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ. އައްޑޫ މަސްވެރިން ކުރަމުންދަނީ މައިގަނޑު 3 ޑިމާންޑެކެވެ. އެއީ، މިފްކޯގެ ޕެންޑިންގ ބިލުތަކަށް ވަގުތުން ވަގުތަށް ފައިސާ ދެއްކުމަށާއި، ފިޝަރީޒް މިނިސްޓަރު އިހުތިޖާޖު ކުރާ ސަރަހައްދަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެއްސެވުމަށާއި، ކުރިޔަށް އޮތްތާނގައި މަސްވެރިން މިފްކޯއަށް ކިރާ މަހަށް މަދުވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް މިފްކޯއިން އެއްބަސްވުމަށެވެ.
މަސްވެރިން ބުނަމުންދަނީ މި ޑިމާންޑްތަކަށް މިފްކޯއާއި ކަމާބެހޭ ފަރާތްތަކުން އިޖާބަ ނުދެނީސް އިހުތިޖާޖު ހުއްޓާނުލާނެކަމަށެވެ. އަދި، އެއްބާރުލުން ނުދީފިނަމަ އިހުތިޖާޖު މުޅި ރާއްޖެއަށް ފުޅާކުރާނެކަމުގެ އިންޒާރުވެސް މަސްވެރިން ދީފައި ވެއެވެ. އައްޑޫ ސިޓީ މަސްވެރިން މުޒާހަރާ ކުރަމުން އަންނައިރު، ރާއްޖޭގެ އެހެން ކަންކޮޅުތަކުގެ މަސްވެރިންވެސް ދަނީ އެކި މަންސަތައް ބޭނުންކޮށްގެން އިހުތިޖާޖަށް ހިތްވަރުދީ، އެމީހުންގެ ކަންބޮޑުވުންތައްވެސް ހިއްސާކުރަމުންނެވެ.



