ބެލްޖިއަމް ގެ ކެޕްޓަން އަދި މެންޗެސްޓާ ސިޓީ ގެ ތަރި ކެވިން ޑެ ބްރޫނޭ ގެ މޮޅު ކުޅުމާއިއެކު ރޭ 0-2 އިން ރޮމޭނިއާ ބަލިކޮށް، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ބެލްޖިއަމަށް ދިރުމެއް ލިބިއްޖެއެވެ.
ރޭގެ މެޗަށް ބެލްޖިއަމް ނިކުތް އިރު އެ ޓީމު އޮތީ ޔޫރޯ ގައި ކުޅުނު ފުރަތަމަ މެޗުން ސްލޮވޭކިއާ އަތުން ބަލިވެ، ގްރޫޕުގެ އެންމެ ފުލުގައެވެ. ބެލްޖިއަމަށް ރޭގެ މެޗަކީ ވަރަށް މުހިންމު މެޗެކެވެ. އެ މެޗުން ބެލްޖިއަމް ބަލިވި ނަމަ ޔޫރޯ ގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކަޓާނެއެވެ.
ރޭގެ މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ބެލްޖިއަމުން ވަނީ ގޯލް ޖަހާ ލީޑު ނަގާފައެވެ. ބެލްޖިއަމް ގެ ކެޕްޓަން ޑެ ބްރޫނޭއާއިއެކު މެން ސިޓީއަށް ކުޅޭ ބެލްޖިއަމް ގެ ފޯވަޑް ޖެރެމީ ޑޯކޫ އުފެއްދި ހަމަލާއެއްގައި، މެޗުގެ ފުރަތަމަ 70 ސިކުންތު ތެރޭގައި ބެލްޖިއަމަށް ލަނޑެއް ޖަހައިދިނީ އެސްޓަން ވިލާގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ. އެއަށް ފަހު ބެލްޖިއަމުން ފުލުފުލުގައި ރޮމޭނިއާގެ ގޯލަށް ހަމަލާތަށް ފޮނުވަމުން ދިޔައެވެ.
ބެލްޖިއަމް ގެ ސްޓްރައިކަރ އަދި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ރޮމެލޫ ލުކާކޫ އަށް މި މެޗުގައިވެސް ދިމާވީ ވަރަށް ބަދު ނަސީބު ގޮތެކެވެ. ބެލްޖިއަމުން ޔޫރޯ ގައި ކުޅުނު ފުރަތަމަ މެޗުގައިވެސް، ލުކާކޫ ދެ ގޯލު ޖެހި އިރުވެސް އޭނާ ހުރީ އޮފްސައިޑު ގައި ކަމަށް އެ މެޗުގެ ރެފްރީ ވަނީ ނިންމާފައެވެ. ރޭ ބެލްޖިއަމުން ރޮމޭނިއާއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ޑެ ބްރޫނޭ ގެ ހިތްގައިމު ތްރޫ ޕާސް އަކުން ލުކާކޫ ވަނީ ގޯލެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމާފައިވަނީ ލުކާކޫ ހުރީ އޮފްސައިޑު ޕޮޒިޝަނެއްގައި ކަމަށެވެ.
ރޭގެ މެޗުގައި ބެލްޖިއަމް ގެ ކެޕްޓަން ޑެ ބްރޫނޭ ދެއްކި ހިތްގައިމު މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔައެވެ. އަންނަ ހަފުތާގައި 33 އަހަރު ފުރޭ ޑެ ބްރޫނޭ ހިފެހެއްޓުން ވީ ރޮމޭނިއާގެ ކުޅުންތެރިންނަށް ދިމާވި ބޮޑު ގޮންޖެހުމަކަށެވެ.
މެޗު ނިންމާލުމަށް ފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޑެ ބްރޫނޭ ވަނީ ބެލްޖިއަމްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ބެލްޖިއަމުން އަންނަ ބުދަ ދުވަހު ޔޫކްރޭނާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިންމު ވާނެ ކަމަށް ޑެ ބްރޫނޭ ފާހަގަ ކުރިއެވެ.




