އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެންނަން އެތާނގެ މުވައްޒަފުންނާއި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާ މަސްއޮޑިތަކަށް މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑްކުރާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ) ގައި އައްޑޫއަށް ނިސްބަތްވާ ބައެއް މަސް އޮޑިފަހަރުތަކުގެ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި، ޕަވަރ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަމަށެވެ.
”މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަން ފާހަގަކުރަން.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ އިހުތިޖާޖުގެ ބައިވެރިންގެ މި އަމަލުތަކާ ހުރެ، އޭއެފްސީގެ ގެ އޮޕަރޭޝަން ހުއްޓި، ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި،އެކަމަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެކަމަށް މިފްކޯއިން ބުންޏެވެ.
”އެ ފެސިލިޓީގައިހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ މިކަން ޙައްލު ކުރަން ކަމާއިގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރަމުން. އަދި، ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނަން.“ މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، އިހުތިޖާޖު ކުރިޔަށްދާއިރު އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުން އަންނަކަމަށެވެ. އެގޮތުން އެކުންފުނިން ދެމަސް މަސްވަންދެން މަސްވެރިންނަށް ފައިސާ ނުދީ އޮތްކަމަށް ބުނާ ބުނުން އެކުންފުނިން ދޮގުކުރި އެވެ. މިފްކޯއިން ބުނީ، މިހާރު ނުދެވި އޮތީ 1 މެއި އިން މިއަދާ ހިސާބަށް ވާ 52.6 މިލިއަން ރުފިޔާކަމަށެވެ. އެއީ، 1 މަހާއި 14 ދުވަހަށްވާ ފައިސާ އެވެ. މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރަކަށްވެފައި އަދި މިއީ މިފްކޯއަށް މަސްކިރާ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއްކަންވެސް މިފްކޯއިން ފާހަނގަކޮށްފައި ވެއެެވެ.
މިފްކޯއިން ބުނީ، 2023 ވަނަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކާފައިވާކަމަށެވެ. އަދި، މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައިކަމުން، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެންކަންވެސް ފާހަނގަކޮށްފައި ވެއެވެ. އެހެންކަމުން، އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއިއެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއްކަމަށް ބުނެފައި ވެއެވެ. އަދި ފައިސާ ދިނުން ލަސްވަމުމާއި ގުޅިގެން ގާނޫނީ އިމުގެތެރެއިން މަސްވެރިންކުރާ އިހުތިޖާޖުތައް ބަލައިގަންނަކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
އައްޑޫ މަރަދޫއަށް ނިސްބަތްވާ މަސްއޮޑިތައް އިސްނަގައިގެން އޭއެފްސީގައި ކުރިޔަށްގެންދާ މުޒާހަރާގައި، އެމީހުން ޑިމާންޑް ކުރަމުންދަނީ ފިޝަރީޒް މިނިސްޓަރ އޭއެފްސީއަށް ޒިޔާރަތްކުރައްވައި އެމީހުންނާއި ބައްދަލުކުރެއްވުމަށާއި، މިފްކޯގެ ޕެންޑިން ބިލުތައް އެއްކޮށް ދެއްކުމުގެ އިތުރުން ކުރިޔަށް އޮތްތާނގަައި މިފްކޯއަށް ކިރާ މަހަށް މަދުވެގެން 15 ދުވަހުގެ ތެރޭގައި ބިލުދެއްކުމަށް އެއްބަސްވުމަށެވެ. މިއިން އެއްވެސް ޑިމާންޑަކަށް މިފްކޯއިން ވެސް އަދި ސަރުކާރުންވެސް އިޖާބަ ދީފައެއް ނުވެއެވެ. އިހުތިޖާޖުގެ ބައިވެރިން ބުނަމުންދަނީ މިއަދު އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ މިރޭ 12:00 އިން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށްޓާނެކަމަށެވެ. ސަރުކާރުންނާއި މިފްކޯއިން ބުނަމުންދަނީ މަސްވެރިންނަށް ފައިސާ ދެއްކޭނެ ގޮތްތަކެއް ހޯދަމުން އަންނަކަމަށެވެ.



