ފުލުހުން މެދުވެރިވެ, މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)އަށް އަށް ކަރަންޓު ދިންފަހުން، އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ހުރިގޮތުން ކަރަންޓު އަލުން ކަނޑާލާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މިފްކޯއިން މިއަދު ހަވީރު ބުނެފައިވަނީ ފުލުހުންގެ އެދުމުގެ މަތިން، ފުލުހުންގެ ހިމާޔަތުގައި ހަވީރު 05:30 ގައި އޭއެފްސީ ހުރިހައި ތަނަކަށް ކަރަންޓް ދިންކަމަށެވެ. އަދި ފުލުހުން އެތާނގެ ޕަވަރ ހައުސްގައި ފޯރި މަރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ފުލުހުން މެދުވެރިވެގެން ކަރަންޓުދިނުމަށް މިފްކޯއިން މިއަދު ހަވީރު މަސައްކަތްކުރިކަމަށެވެ. އެގޮތުން ކަރަންޓު ދިންފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓު އަލުން ކަނޑާލާފައިވާކަމަށާއި، އަލުން ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ،އިހުތިޖާޖު ހޫނުވެ ކޮންޓްރޯލްނުވުމުން، އެތާނގެ މުވައްޒަފުންގެ ސަލާމަތަށްޓަކައި ހަވީރު ކަރަންޓް ކަނޑާލީކަމަށެވެ. ފުލުހުން ކަރަންޓް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔައިރު، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ބާރުގެބޭނުން ކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އިއްޔެއްސުރެ އޭއެފްސީގެ އެޑްމިން އަދި އެކޮމަޑޭޝަން ބްލޮކް އިންވަނީ ކަރަންޓް ކަނޑާލާފަ އެވެ. އެހެންކަމުން އެތާނގެ މުވައްޒަފުންގެ ޒަރޫރީ ބޭނުންތަކަށް ބުރޫ އަރައި ކުންފުނި ހިންގުމަށްވެސް ދަތިވެ، މާލީ ގޮތުން ގެއްލުންވަމުންދާކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މިފްކޯއިން މިއަދު މެންދުރު ބުނެފައިވަނީ، މިފްކޯގެ މުވައްޒަފުންނާއި އަދި ފުލުހުން އޭއެފްސީ އަލުން އަޮޕަރޭޝަނަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ މަސްވެރިން ދަނީ އޭއެފްސީ ގޯތިތެރޭގައި އިހުތިޖާޖުކުރަމުންނެވެ. މިފްކޯއިން ބުނަމުންދަނީ މަސްވެރިން އޭއެފްސީގެ އޮޕަރޭޝަނަށް ބުރޫއަރުވަމުން އަންނަކަމަށެވެ. އެހެންނަމަވެސް މަސްވެރިން ބުނަނީ އެފަދަ އަމަލެއް ނުހިންގާކަމަށާއި، ކުރަމުންދަނީ ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ.



