ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ދައުލަތް އޮތީ ބަނގުރޫޓު ކޮށްލާފައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީން އިން މާލޭގައި އެ ޕާޓީގެ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން އޮތީ ދައުލަތް ވަރަށް ބޮޑަށް ނިކަމެތި ކޮށްލާފައި ކަމަށެވެ. އަދި ދަރަނި ނަގަމުން ގޮސް ސަރުކާރުގެ ސްކޫލްތައްވެސް މޯގޭޖު ކުރާ ހިސާބަށް އޮތީ ކަންތައް ގޮސްފައިކަމަށް ފަލާހު ވިދާޅުވިއެވެ.
”ސްކޫލްތައް މޯގޭޖު ކޮށް، އަމިއްލަ ފަރުދުންގެ ސައިކަލުތަކަށް ދާންދެން މޯޖޭޖު ކުރާ ހިސާބަށް އެމްޑީޕީއިން މި ޤައުމު ދުއްވާލި“ ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީއިން މިއަދު ކުރަމުންދާ މަސައްކަތަކީ އެޕާޓީއިން ވެރިކަމުގައި އޮތްއިރު ކުރި ވައްކަންތަކާއި، ހިންގާފައިވާ ކޮރަޕްޝަންގެ އަމަލު ތަކާއި ޖަރީމާތައް ދިވެހި ރައްޔިތުންނަށް ފޮރުވާ ފަސް އެޅުމުގެ މަސައްކަތް ކަމަށެވެ.
“ އެމްޑީޕީ ގެ ޖަރީމާތައް ފޮރުވާ ފަސް އެޅުމަށް ސިޔާސީ ވަރަށް މޮޅު ދަންތޫރައެއް އެބަ ޖައްސާ. އެ ދަންތޫރައަކީ އަޅުގަނޑުމެންނާއި ބެހޭގޮތުން ބޮޑެތި ދޮގުތަށް ގޯނި ގޯންޔަށް އަޅައިގެން މަގުތަކުގައި ހިނގުން“ ފަލާހު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރާއި، ޕީއެންސީގެ މަޖްލިސް މެމްބަރުންނާއި ބެހޭ ގޮތުން ކޮންމެ ވާހަކައެއްވެސް ދެއްކި ދާނެ ކަމަށާއި، ނަމަވެސް ސާބިތު ހެއްކާއިއެކު އެއްވެސް ކަހަލަ ކުށެއް ނުދެއްކޭނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައީސް މުއިއްޒު މާލޭ ސިޓީ ގެ މޭޔަރަކަށް ހުންނެވި އިރުން ފެށިގެން އެ މަނިކުފާނުގެ ބޮލުގައި އެމްޑީޕީއިން ދޮގު އިލްޒާމުތަށް އަޅުވަމުންދާ ކަމަށެވެ.
”ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރުވެސް އެމްޑީޕީއިން އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، ބޮޑެތި ދޮގު އިލްޒާމުތަށް އަޅުވަމުން ދިޔަ.“ ފަލާހު ވިދާޅުވިއެވެ.
ނަމަވެސް 2023 ވަނަ އަހަރު ރައްޔިތުން ވަނީ ރައީސް ޑރ. މުއިއްޒު އަކީ ވަފާތެރި ތެދުވެރިއެއްކަން ސާބިތުކޮށްދީފައި ކަމަށް ފަލާހު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 213 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި 5 ދާއިރާއަކަށް އަމާޒުކޮށްގެން ހުށަހަޅާ މި ބިލު ތަކުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދަ ހުއްޓިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



