ފަލާހުއާއި ގުޅޭގޮތުން ފަތުރަނީ ހަޤީގަތާއި ހިލާފު ދޮގު ވާހަކަތަކެއް: ޕީއެންސީ
ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހަޤީގަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާތީ އެކަން ޕީއެންސީއިން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.
ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ ވީޑީއޯއެއްގައި ފެންނަނީ ފަލާހު ނޫންކަން މީގެ 2 އަހަރު ކުރިން ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ ވީޑިއޯ ރޭގެ ވަގުތެއްގައި ފަތުރާފައިވަނީ ”ހަސަން ކުރުސީ“ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓުން ކަމަށް ޕީއެންސީއިން ފާހަގަ ކުރިއެވެ. ފަލާހު އާއި ގުޅޭގޮތުން ހަޤީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ޕީއެންސީއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.
އެކްސް ގައި ސަރުކާރަށް ފާޑު ކިޔަމުންދާ ”ހަސަން ކުރުސީ“ އެކައުންޓުން ރޭގައި ޕޯސްޓުކޮށްފައިވާ ވީޑިޔޯ އަކީ 2022 ވަނަ އަހަރުވެސް ސޯޝަލް މީޑިޔާގައި ދައުރުވެފައިވާ ވީޑިއޯ އެކެވެ. އެ ވީޑިއޯ ގެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެއީ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ނޫންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.




