މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) މަސްވެރިން ވިއްކި މަހަށް ވާ ފައިސާ ވަގުތުން ވަގުތަށް ދިނުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މިހާރު ކުރިޔަށް މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީއެވެ. މި މައްސަލަ ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވަޑައިގެންނެވި، 74 މެންބަރުންގެ އިއްތިފާގުންނެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ ބަހުސްކުރަމުންނެވެ.
ކުއްލި މައްސަލައިގައި، އައްޑޫ ހިމެނޭގޮތަށް ރާއްޖޭގެ ހުރިހައި ކަންކޮޅެއްގައި ވަރުބަލިކަމެއްނެތި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ މަސްވެރިންގެ ހައްގު ހޯދުމަށް މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ފޮނުވައި، ހުރަސް ނޭޅުމަށާއި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ސަރުކާރުން ހަމަޖައްސައި ދިނުމަށާއި، މަސްވެރިން އެދޭގޮތަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް އިޖާބަދީ ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.
މައްސަލައިގެ ބަހުސް ފަށްޓަވަމުން މެންބަރު އަހްމަދު ދީދީ ވިދާޅުވީ، މަސްވެރިންގެ ވަރަށް ބޮޑު ހިއްސާއަކާއެއްކޮށް އައި ސަރުކާރަކުން މަސްވެރިންނާ އަޅާނުލީމައި މަސްވެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އަދި، މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ވަރަށް ފޮނި ހުވަފެންތަކެއް ދައްކައިގެންކަން ފާހަގަކުރައްވައި މަސްވެރިންނަށް އެވީ ވައުދުތައް އަވަހަށް ފުއްދައިދައި ނުދޭތީ މަސްވެރިން ތިބީ ވަރަށް ނިކަމެތިވެފައިކަމަށް ވިދާޅުވެ، އެކަން އެގޮތަށް ނުކުރުމަށް މެންބަރު ސަރުކާރަށް ގޮވާލެއްވި އެވެ. މީގެ ތެރޭގައި މަސްވެރިން އަތުން މަސްގަންނަތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދައްކަން ވީ ވައުދު ފުއްދުން ހިމެނެއެވެ.
“ ސަރުކާރަށް އަޅުގަނޑު ގޮވާލަން ބޭނުން މަސްވެރިންނަށް ވީ ވައުދާ އެއްގޮތަށް 48 ގަޑި އިރުތެރޭ ފައިސާ ދޭނެކަމަށް ބުނި ގޮތަށް މަސްވެރިންނަށް ފައިސާ ދެއްވާށޭ. ތިޔަހެން ނަހައްދަވާ އެ ބޭފުޅުންގެ އިހުސާސްތައް އަޑު އައްސަވާ އެ ބޭފުޅުންނަށް ފައިސާ ދެއްވަން. މިއީ އެއްވެސް ހާލެއްގައި މަސްވެރިންނަށް ދޭއެހީއެއް ނޫން. އެބޭފުޅުން ވިއްކާ އެއްޗަކަށް އަގުދޭ ވާހަކަ މިދައްކަނީ. އެހެންވީމައި އިތުރު ބަހަނާ ނުދައްކައި ލަސްނުކޮށް ފައިސާ ދެއްކުމަށް ގޮވާލަން.“ މެންބަރު އަހްމަދު ދީދީ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫއަށް ނިސްބަތްވާ މަސްވެރިން ގެންދަނީ އައްޑޫ ހުޅުދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިހުތިޖާޖުކުރަމުންނެވެ.



