އައްޑޫ ހުޅުދޫގައި ހުންނަ މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ) އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފިއެވެ.
އޭއެފްސީގެ އޮޕަރޭޝަން ހުއްޓިފައިވަނީ، އައްޑޫ މަސްވެރިން އެތަނުގައި އިހުތިޖާޖުކޮށް، އެކުންފުނީގެ މުވައްޒަފުންނަށް އޮޕަރޭޝަން ކުރިޔަށްގެންދިއުމަށް ހަރަކާތްތެރިވުމަށް ހުރަސް އެޅިފައިވާތީ އެވެ.
މިފްކޯއިން މިޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އިހުތިޖާޖުގެ ބައިވެރިން އޭއެފްސީގެ އޮޕަރޭޝަން ނުފެށުމަށް ޑިމާންޑް ކުރަމުން އަންނަކަމަށެވެ. އަދި އޮޕަރޭޝަން ސައިޓްތަކަށް މުވައްޒަފުން ވެއްދުމަށް މަސްވެރިން އަދިވެސް އެއްބަސް ނުވާކަމަށެވެ. އަދި، މި ވަގުތު މުވައްޒަފުންނަށް އޭއެފްސީ ސައިޓަށް ނުވަދެވޭތީ، މުވައްޒަފުންގެ ޒަރޫރީ ބޭނުންތަކަށް މިހާރު ހުޅުދޫގައި ވަގުތީ ހިޔަލެއް ހަމަޖައްސައިދީފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ އިއްޔެ 2 ޖެހިއިރު މުޅި އޭއެފްސީއަށް ކަރަންޓް އަލުން ދީފައިވާތީ، ވީހާވެސް އަވަހަށް އޭއެފްސީ އޮޕަރޭޝަނަށް ގެނައުމަށް މިފްކޯއިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިވަގުތު އާންމު ހާލަތުގައި އޭއެފްސީ އޮތް ނަމަވެސް އޮަޕރޭޝަން ފެށުމުން ހާލަތު ގޯސްވެދާނެކަމުގެ ބިރު އެބައޮތްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް ސައުވީހަށް ވިދާޅުވީ، އޭއެފްސީ އަލުން އޮޕަރޭޝަނަށް ގެނައުމަށް ސިސްޓަމްތައް ޖައްސަން ޖެހޭ ކަމަށާއި، އޮޕަރޭޝަން ފަށަން މުވައްޒަފުން ވައްދައިފިއްޔާ ހަމަނުޖެހުން ހިންގާނެކަމަށް މަސްވެރިން ބުނެފައި ވާކަމަށެވެ.
”މަސްވެރިން ބުނަނީ ސިސްޓެމް ހިންގާފައި ކޯލް ރޫމް ފިނިކުރެވޭނެކަމަށް. އެކަމަކު އެކޮމަޑޭޝަން ބޭނުން ނުކުރެވޭނެކަމަށް. ސިސްޓެމް ހިންގާ ކަމަށް ވާނަމަ އޮަޕަރޭޝަންގައި މުވައްޒަފުން ތިބެންޖެހޭނެ. އޭގެެތެރޭގައި އެބަތިބި ބޭރު މީހުންވެސް، އަދި ޑިއުޓީ އިންޖިނިއަރުންވެސް. އިންޖިނިއަރުންވެސް ބިރުވެރިކަމެއް ނެތި އެކޮމަޑޭޝަން ބޭނުން ކުރެވި މަސައްކަތް ކުރެވޭނެ މާހައުލު ލިބެންޖެހޭ. އެކޮމޮޑޭޝަން ބޭނުން ނުކުރެވި އިންޖިނިއަރަށްވެސް އެކަން ކުރެވޭނެ ގޮތެއް ނެތް.“ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މަސްވެރިން ދަނީ އޭއެފްސީގައި އިހުތިޖާޖު ކުރަމުންނެވެ. މިވަގުތުވެސް 13 ދޯންޏެއް އޭއެފްސީ ބަނދަރުގައި އަޅައި، އޭގެ ކެޔޮޅުންނާއި ފަޅުވެރިން އޭއެފްސީދޮށުގައި އެބަތިބި ކަމަށާއި، އެމީހުން ޑިމާންޑް ކުރަމުންދަނީ މިހާރު ނުލިބި ހުރި ފައިސާ ދޭނެ ދުވަހެއް ކަނޑައަޅާ ލިޔުމެއްގައި ސޮއިކޮށްފައި އެމީހުންނާ ހަވާލުކުރުމަށް ކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފަރާތުން ބޭފުޅަކު އެމީހުންނާ ބައްދަލުކުރުމަށް ޑިމާންޑްކުރަމުން އަންނަކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.




