ފެނަކައިން ބިލު ޗާޕުކުރުން ހުއްޓާލާ އެސްއެމްއެސް ޒަރީއާއިން ބިލު ފޮނުވަން ފަށައިފި އެވެ.
ފެނަކައިން ބުނީ، ޕްރިންޓް ކުރެވިފައިވާ ބިލު ހަވާލުކުރުމުގެ ބަދަލުގައި, ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަމްބަރަށް މިއަދުން ފެށިގެން އެސްއެމްއެސް ފޮނުވަމުންދާނެކަމަށެވެ. އަދި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެސްއެމްއެސްއިން ބިލު ނުލިބޭ ފަރާތްތަކުން އެ ކަސްޓަމަރަކު ނިސްބަތްވާ ފެނަކައިގެ ބްރާންޗަށް ގުޅައިގެން ބިލު ހޯދުމަށް ފެނަކައިން އެދިފައި ވެއެވެ.
ބިލުގެ ނިޒާމަށް މިގެނައި ބަދަލާއި ގުޅިގެން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ސައުވީހަށް ވިދާޅުވީ، މި ބަދަލަކީ އެކުންފުނިން ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދަށުން ފެއްޓެވި މައްސަކަތެއް ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހައި ސަރަަހައްދެއްގައި ހުރި ފެނަކައިގެ ބްރާންޗުތަކުން ކަރުދާހުގައި ބިލު ޕްރިންޓްކުރުން ހުއްޓާލާނެކަމަށެވެ.
ފެނަކައިގެ މަސައްކަތް ތިމާވެއްޓާ ރަށްޓެހި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެނަކައިން މިއެޅި ފިޔަވަޅުގެ ސަބަބުން ކަރުދާހަށް ކުރެވޭ ޚަރަދު ބޮޑުތަނުން ކުޑަވެ، އަދި އެކަމަށް ކުރާ އެހެނިހެން ހޭދަވެސް ކުޑަކުރެވި ބަޖެޓަށް ލުއިވެގެންދާނެއެވެ. ވަކިން ޚާއްސަކޮށް ކަސްޓަަމަރުންނަށް ލުއި ފަސޭހަކަމާއެކު ބިލަށް ”އެކްސެސް“ ވެވޭނެ ގޮތް ފަހި ވެގެން ދިޔައީ އެވެ.
މިއަދުން ފެށިގެން ބިލުތަކުގެ އިތުރުން ރެޑްނޯޓިސްތައްވެސް ފޮނުވަމުންދާނީ މެސެޖަކުންކަމަށް ފެނަކައިން ބުނެފައި ވެއެވެ.



