މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށް، އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ ޝަރީފް މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ޗޮންޗިންގ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައި، ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ޚާއްސަ ރައްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއަރލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތްކުރައްވާ ޝަރީފް ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިގުތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއްކަމަށެވެ. އަދި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާކަން ފާހަގަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޗައިނާގެ ޗޮންޗިންގ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ އިއްޔެއެވެ. ޗައިނާގެ ޗޮންޗިންގ ސިޓީއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓްގައި އިއްޔެ 82 ފަސިންޖަރުން ރާއްޖެއަށް އައެވެ. ޗޮންޗިންގ އެއަރލައިން އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ތާޥަލުކޮށްފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓްކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.




