މިއަހަރު ހައްޖުގެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހައި ދިވެހިންވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަން އިން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންއިން މިފަދައިން ބުނެފައިވަ މިވަނީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި މިއަހަރު ހައްޖަށްދިޔަ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށް ފަހު މެނިންގޯކޮކަލް ބަލީގައި ނިޔާވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ހައްޖު ކޯޕަރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދަތުުރުކުރި ހުރިހައި ހައްޖުވެރިންވެސް ސައުދީ ހައްޖު މިނިސްޓްރީ ގައިޑްލައިންތަކާ އެއްގޮތަށް ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ”ޓްރެވެލް ވެކްސިން“ ތައް ފުރިހަމަ ކުރި ކަމަށެވެ. އެގޮތުން ހުރިހައި ހާޖީންވެސް ފުރުމުގެ ކުރިން ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަ ކޮށްފައި ވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
”ހައްޖުވެރިންގެ ސަލާމަތާ ރައްކާތެރި ކަމަކީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެނޭޖްމެންޓުން އެންމެ ސަމާލުކަމެއް ދޭކަންތައް ކަމުގައި ދަންނަވަން.“ ހައްޖު ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާކަމަށެވެ. އަދި މިއަހަރު ހައްޖަށްދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.
”މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު.“ އެޗްޕީއޭ އިން ބުނެފައި ވެއެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.


