ހުޅުމާލެ ހުރަވީ ސްކޫލްގެ ”ހުނަރު ވެހި“ އަށް ބޭނުންވާ ކަރަންޓް ވަޔަރިންގ ސާމާނު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ހަދިޔާކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ ހުރަވީ ސްކޫލްގެ ވޮކޭޝަނަލް މަރުކަޒަށް ބޭނުންވާ ކަރަންޓް ވަޔަރިންގ ސާމާނު ހަދިޔާކޮށްފައިވަނީ އެކުންފުނީގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދީ އެހީތެރިވެދިނުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން އެމްއޭސީއެލްއިން އެހީތެރިވެދިނީ އެސެންޓަރުން ކުރިޔަށްގެންދާ ވެލްޑިންއާ، ކާޕެންޓްރީ ފެހުމާއި ކަރަންޓް ވަޔަރިންގ ތަމްރީންތަކަށް ބޭނުންކުރެވޭ އާލާތްތަކެވެ. އަދި މި އެހީގެ ތެރެއިން، އެ މަރުކަޒުން ބޭނުންކުރާ އާލާތްތަކުގެ މެއިޓެނެންސް ބަލަހައްޓައި، މަރާމާތުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްއިން މި ހަދިޔާކުރި ސާމާނާއި އާލާތްތަކުގެ އެހީގައި އެ މަރުކަޒުން އުގެނޭ ކުދިންނަށް ފައިދާތަކެއް ވެގެންދާނެކަމަށް އެމްއޭސީއެލް އިން ގަބޫލުކުރެއެވެ.
”ހުނަރު ވެހި“ އަކީ، އެމްއޭސީއެލްގެ އާންމު އިޖްތިމާއީ ޒިންމާގެ ދަށުން ކުރިޔަށްގެންދިޔަ މަޝްރޫއެއްގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި މަރުކަޒެކެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއަރުވައި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުންކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ހުނަރުވެހި ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އެވެ.




