މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއީ) އެއް ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލުުގެ ފުރުސަތު ހުޅުވާލާފައިވަނީ ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށެވެ. އެ މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޝައުގުވެރިންކަންފާޅުކޮށް، އެކަމަށް ބޭނުންވާ ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ޕީސީބީން ވަނީ ހުޅުވާލަފަ އެވެ.
އެއިއުލާނުގައިވާގޮތުންނަމަ، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ޝައުގުވެރިކަން ހުރި ހުނަރުވެރި އަދި ޚިދުމަތްތެރި ބޭފުޅަކު މި މަގާމަށް ހޯދަން ދަނީ މަސައްކަތްކުރަމުންނެވެ. އަދި، މި މަގާމަށް ނަގާނީ ތައުލީމާއި މަސައްކަތުގެ ތަޖުރިބާހުރި ގާބިލު ފަރާތެއް ކަމަށް އިއުލާނުގައި ވެއެވެ. އަދީ އެމީހެެއްގެ ގާބިލިއްޔަތުކަމަށް ބަލައި، މުސާރައިގެ ގޮތުގައި މަހަކަށް 9500 ޑޮލަރާއި 12000 ޑޮލަރާއި ދެމެދުގެ އަދަދެއް ކަނޑައެޅުމަށްވެސް ނިންމާފައި ވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކުން މަދުވެގެން 4 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތްކުރަންޖެހޭއިރު، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ވަޒީފާގެ އެއްބަސްވުން އިތުރުކުރެވޭނެ ކަމަށް ޕީސީބީއިން ބުނެފައިވެއެވެ.
މިފްކޯއަށް ސީއީއޯއަކު ހޯދަން އިއުލާނުކޮށްފައިވަނީ އެމަގާމު ހުސްވެފައި އޮންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. އެމަގާމު ހުސްވެފައިވަނީ، އެމަގާމުގައި ކުރިން ހުންނެވި އަހްމަދު ސަމާހް ރަޝީދު މަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. ޕީސީބީން އޭނާ މަގާމުން ވަކިކުރައްވާފައިވަނީ 21 މެއިގަ އެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް ރީ ސްޓަރަކްޗަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވެއެވެ.




