މާލެއާއި ހުޅުމާލެއަށް ކަރަންޓުދިނުމަށް ބޭނުންކުރާ ހުޅުމާލޭ އިންޖީނުގޭގެ 2 ނަންބަރު އިންޖީނު އޯވަރހޯލްކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ މިއީ އާދައިގެ މަތިން ކުރިޔަށްގެންދިޔަ މެއިންޓަނެންސް ޕްރޮސީޖާއެއްކަމަށެވެ. 2 ނަންބަރު އިންޖީނަކީ ހުޅުމާލޭގައި ބަހައްޓާފައި ހުންނަ ބޮޑު 2 އިންޖީނުގެ ތެރެއިން 1 އިންޖީނެވެ. އިންޖީނު އޯވަރހޯލް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވާ ދުވަސްވަރާއި ދިމާކޮށްނެވެ. އެހެންކަމުން މިފަހަރު އެ މަސައްކަތް ކޮށްފައިވަނީ އީދު ބަންދާއި ދިމާކޮށް ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ، އާންމުކޮށް އެވަރުގެ އިންޖީނެއް ސްޓޭންޑެޑްކޮށް އޯވަރހޯލްކޮށް ނިންމާލުމަށް ބޭރުގެ ބަޔަކު އައިސްގެން ކުރިޔަސް 21 ދުވަސް ނަގާނެކަމަށެވެ. އެހެންނަމަވެސް މިފަހަރު ސްޓެލްކޯގެ މެކޭނިކަލް އިންޖިނިއަރިން ޓީމުން އިންޖީނު އޯވަހޯލްކޮށް މުޅިން ނިންމާލީ 15 ދުަވަސް ތެރޭގައެވެ. އަދި، މިހާރު މާލެއަށާއި އެއްކޮށް ކަރަންޓް ދެމުންދަނީ އެ އިންޖީނު ބޭނުންކޮށްގެންކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާ ކުންފުނީގެ އިސްވެރިން އިއްޔެ ވަނީ އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އެ ކުންފުނީގެ ހީވާގި މުވައްޒަފުންނާއި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ކުންފުނީގެ ވެރިންވަނީ ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމަށް އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކޮށް ހިތްވަރު ދެއްވާފަ އެވެ.


