ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(ޢެސްޓީއޯ) ގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިިފި އެވެ.
އެސްޓީއޯއިން ބުނީ، ޖަލްސާ އޮންނާނީ ޖުލައި 12 ވާ ހުކުރު ދުވަހުގެ ރޭގަނޑު 09:00 ޖަހާއިރު ނީރި ލައުންޖް ހުޅުލޭގައި ކަމަށެވެ. ޖަލްސާގައި މައިކްރޯސޮފްޓް ޓީމްސް ލައިވް އިވެންޓް މެދުވެރިކޮށް އޮންލައިންކޮށްވެސް ބައިވެރިވެވޭނެކަމަށާއި، ޖަލްސާގައި ބައިވެރިވެވޭނީ 26 ޖޫންގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯއިން މިހާރު ވަނީ ހިއްސާދާރުންނަށް ޖަލްސާގެ ނޯޓިސްވެސް ފޮނުވާފަ އެވެ. މި ޖަލްސާގައި މި ދިޔަ އަހަރުގެ ޕާފޯމެންސް ރިޕޯޓް ހުށަހެޅުމާއި، ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ބޯޑުން ޖަވާބު ދިނުމާއި، އަދި ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުމަށް ނިންމާފައި ވެއެވެ. ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކުގެ ތެރޭގައި 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ބޯޑް ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހިމެނެެއެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް އެކުންފުންޏަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ އެމީހުންގެ މުސާރަ ކަނޑައެޅުމާއި، 2023 އަހަރުގެ ހިއްސާއަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އަދަދު ފާސްކުރުމާއި، ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުުރުން ހަމަޖެހިފައި ވެއެވެ.


