ބޮލީވިއާ ރައްޔިތުން، ބަޣާވާތް ހިންގަން މަސައްކަތް ކުރާ ސިފައިންނާ ދެކޮޅަށް ނިކުތުމަށް އެގައުމުގެ ރައީސް ލުއިސް އެކްރޭ ގޮވާލައްވައިފި އެވެ.
ރައީސް ލުއިސް މިފަދައިން ގޮވާލެއްވީ އެގައުމުގެ އަސްކަރީ އިސްވެރިޔާ ހުއާން ހޯޒޭ ޒުނިގާ އިސްވެ ހުންނަވައިގެން ސަރުކާރާއި ދެކޮޅަށް ބަޣާވާތެއް ހިންގަން މަސައްކަތްކުރުމާއި ގުޅިގެންނެވެ. އަސްކަރިއްޔާ އިސްވެ އޮވެ އިއްޔެ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަންނަން މަސައްކަތްކޮށްފައިވާއިރު، މިހާރު ވަނީ ވެރިރަށް ލަޕާޒްގައި ސަރުކާރުގެ އިމާރާތްތައް ހުންނަ ސެންޓްރަލް ސްކުއަރ ހިސާރުކޮށްފައެވެ.
އިއްޔެމެންދުރު ހާއިރު ސިފައިންގެ ބަޔަކު ރިޔާސީ ގަނޑުވަރަށް ވަންނަން މަސައްކަތްކުރުމާއި ގުޅިގެން، ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ރައީސް ލުއިސް އެކްރޭ ވިދާޅުވީ، ސިފައިން ހިންގަން އުޅެނީ ބަޣާވާތެއް ކަމަށާއި، އެފަދަ ފުރުސަތެއް އެމީހުންނަށް ނުދޭނެކަމަށެވެ. އަދި ގައުމުގެ ޑިމްކޮރަސީ ހިމާޔަތް ކުރުމަށްޓަކައި ރައްޔިތުން ތެދުވެ، ސިފައިންނާ ދެކޮޅަށް ނިކުންނަން ރައީސް ގޮވާލައްވާފައި ވެއެވެ.
ސިފައިން ބަޣާވާތެއް ހިންގަން މަސައްކަތްކުރަމުންދާތީ، ބޮލީވިއާގެ ނައިބު ރައީސް ޑޭވިޑް ޗޮކުއެހުއޭންސް ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކުގެމަތިން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ބަޣާވާތުން ވައްޓާލަން އެގައުމުގެ ސިފައިން މަސައްކަތްކުރަމުންދާކަމަށެވެ. އެގައުމުގެ ޚާރިޖީ ވަޒީރު ސެލިންޑާ ސޯސާ ލުންޑާ ވިދާޅުވެފައިވަނީ ސިފައިންގެ ބަޣާވާތަކީ، އެގައުމުގެ ޑިމޮކްރަސީއާއި ސުލްހައައާއި، އަމަން އަމާންކަން ނައްތާލައި، ގައުމީ ސަލާމަތަށް ދޭ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
ސިފައިން ބަޣާވާތެއް ހިންގަން އުޅުމާއި ގުޅިގެން އެގައުމުގެ ކުރީގެ ރައީސް އީވޯ މޮރާލްސްވެސް ވަނީ ސިފައިން އަމަލު ހުއްޓުވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އެ ގޮތުން އޭނާގެ ސަޕޯޓަރުން މަގުމައްޗަށް ނިކުމެ، ސިފައިންނަށް ހަރަކާތްތެރި ނުވެވޭނެގޮތަށް ބަންދުކޮށް، ބަޣާވާތާއި ދެކޮޅު ހެދުމަށް ގޮވާލައްވާފައި ވެއެވެ.
ބޮލީވިއާ ސިފައިން އިއްޔެ ޑިމޮކްރަސީއާ ދެކޮޅަށް ހިންގި މިއަމަލު ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.
ބޮލީވިއާ ސަރުކާރުން މިހާރު ވަނީ ބަޣާވާތް ހުއްޓުވައި އޭގައި އިސްކޮށް ހަރަކާތްތެރިވި އާމީ ޖެނެރަލް ހުއާން ހޯޒޭ ޒުނިގާ ހައްޔަރުކޮށްފަ އެވެ.



