މިއަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމާއެކު، އޭނާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް(ވީއައިއޭ)އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިޔަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދާފައިވަނީ އާއިލާގެ އިތުރު ތިން މެންބަރުންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައި، ތައިލޭންޑުގެ ސުޓާޕާ އަމޯންވިވަތު އެވެ. ފިރިމީހާއާއި ދެކުދިންނާއެކު އޭނާ ރާއްޖެ މިއަދު އައިސްފައިވަނީ ސިންގަޕޯރ އެއާލައިނުންނެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރާ ދެވަނަ ފަހަރެވެ.
ސުޓާޕާއަށް ވީއައިއޭއިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އޭނާއަށް ހަދިޔާއެއްގެ ގޮތުގައި، ސިޔާމް ވަރލްޑް ރިސޯޓުގައި 5 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އެ ހަދިޔާއަކީ ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ދިން ހަދިޔާ އެކެވެ.

އެއް މިލިއަން ވަނަ ފަތުުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީީ)ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީއާއި އިތުރު މިނިސްޓްރީއާއި އެމްއެމްޕީއާރްސީގެ އިސް އޮފިޝަލުންގެ އިތުރުން ސަރުކާރުގެ ކަމާއިގުޅޭ އެކި އިދާރާތަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒު ހިފާފައިވަނީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށާއި، އަހަރު ކުރީކޮޅު އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި، މިއީ ފާއިތުވެދިޔަ 7 އަހަރުދުވަހުގެ ތެޜޭގައި މިހާ އަވަހަށް އެއް މިލިއަން ވަނަ ފަތުުރުވެރިޔާ އައި އަހަރުގެ ގޮތުގައި މިނިސްޓަރު ފާހަނގަކުރައްވާފައި ވެއެވެ.
2023 ވަނަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައިކަމަށް ރިކޯޑުކުރެވިފައިވަނީ ޖުލައި 16 ވަނަ ދުވަހު އެވެ. މިއަހަރު އެއްމިލިއަން ވަނަ ފަތުރުވެރިޔާ ތިން ހަފުތާއަށްވުރެ ކުރިން ހަމަކުރެވި، އަދި މިއަހަރަށް ޓާގެޓް ކުރި 2 މިލިއަން ފަތުުރުވެރިންގެ އަމާޒުގެ %50 ހާސިލުކުރެވުމާއި ގުޅިގެން އެމްއެމްޕީއާރްސީން ވަނީ، މި އަމާޒަށް ވާސިލުވުމަށް ފަތުުރުވެރިކަމުގެ ސިނާއަތުގެ ހުރިހައި ބައިވެރިން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކޮށް ހިތްވަރު ދެއްވާފަ އެވެ.
2 މިލިއަން ފަތުުރުވެރިން މިއަހަރު ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، އެއަމާޒަށް ވާޒިލުވުމަށް އިތުރު އެއްމިލިއަން ރާއްޖެ ގެނައުމަށްޓަކައި އެމްްއެމްޕީއާރްސީން ގެންދަނީ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓްކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އަރަބި މާކެޓާއި، އިންޑިއާ މާކެޓުގައި ރާއްޖެ ޕްރޮމޯޓްކޮށްފަ އެވެ. އަދި މިއަހަރުގެ ކުރިޔަށް އިތުރު ޕްރޮމޯޝަން ހަރަކާތްތައް ރާވައި ހިންގަން ހަމަޖެހިފައިވާއިރު ފަތުރުވެރިކަމާގުޅޭ އެކި ފެއާތަކާއި ބައިވެރިވެ، ރޯޑް ޝޯވތައްވެސް އެމްއެމްޕީއާރްސީން ދަނީ ބާއްވަމުންނެވެ.



