ދިރާގުން ކުރިޔަށްގެންދިޔަ ’ވިން އަ ޓެސްލާ‘ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނު މުސްޠަފާ މުހައްމަދާ ޓެސްލާ ކާރު ހަވާލުކޮށްފި އެވެ.
ޓެސްލާގެ ނަސީބު ވެރިޔާ ހޮވާފައިވަނީ އަޟްހާ އީދު ފާހަނގަކުރުމަށް ދިރާގުން ބޭއްވި އީދު ޝޯވ ގައި ނެގި ލަކީ ޑްރޯ އިންނެވެ. އެ ލަކީ ޑްރޯއިން ޓެސްލާ ކާރު ލިބުނު ދިރާގުގެ ކަސްޓަމަރެއް ކަމަށްވާ މުސްތަފާ މުޙައްމަދަށް ކާރު ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ހަފުލާއެއްގައި ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދެވެ.

މުސްޠަފާ ހުރީ ޓެެސްލާ ލިބުމުން ވަރަށް ހައިރާންވެފަ އެވެ. އޭނާ ބުނީ، ޓެސްލާގެ ނަސީބުވެރިޔަކަށް އޭނާ ހޮވުނު ޚަބަރު ލިބުމުން ފުރަތަމަ އެކަން ގަބޫލުކުރަންވެސް ދަތިވިކަމަށެވެ. އަދި، ޓެސްލާގެ ބްރޭންޑް އާ ކާރެއް ހަދިޔާއެއްގެގޮތުގައި ލިބުމުން އޭނާއާއި އާއިލާއިން ވަރަށް އުފާވިކަން ފާހަގަކޮށް، އެފަދަ ފުރުސަތެއް ދިރާގުން ފަހިކޮށްދިނީތީ އޭނާވަނީ ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.
’ވިން އަ ޓެސްލާ ޕްރޮމޯޝަން‘ އަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ތަފާތު އަގުހުރި އިނާމްތަކެއް ދިނުމުގެ މަގުސަދުގައި އެކުންފުނިން މިިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި، ޕޯސްޓްޕެއިޑް 450 ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ޚާއްސަ ޕޯޓަލްއަކުން ބައިވެރިވުމުގެ ފުރުސަތު ދިރާގުން ދީފައި ވެއެވެ. އަދި ޕްރޮމޯޝަން ފެށިއިރު ދިރާގުގެ ޚިދުމަތް ބޭނުން ކުރަމުންދިޔަ ކަސްޓަމަރުންނާއި، އަލަށް ދިރާގާ ގުޅުނު ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުުރުސަތު ދިރާގުން ދީފައި ވެއެވެ.


