ދައުލަތުގެ ޚަރަދުކުޑަކުރުމުގެގޮތުން މިއަހަރުގެ މިނިވަންދުވަހުގެ ކުޅިވަރުތައް ނުބާއްވަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރައްވައި މީސްމީޑިޔާގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ޚާއްސަކޮށް ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމުގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
ރައީސްގެ މެސެޖުގައި، ދައުަލަތުގެ ޚަރަދު ކުޑަކުރެއްވުމަށް ސިޔާސީ މަޤާމުތައް މަދުކުރައްވާނެކަމަށްވެސް، ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް، އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ބަޔާންކުރައްވާފައެއް ނުވެއެވެ. މެސެޖުގައި ފާހަނގަކުރައްވާފައިވާ ފިޔަވަޅުތަކުގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.



