ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް މިރޭ ފަށަން ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެކަމަށެވެ. އޭގެ ތެރޭގައި، 52 ސިޓީއެއްގެ ސްކޫލްތަކުން 365 ބައިވެރިންނާއި، އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި، އެހެނިހެން މުއައްސަސާތަކުން ވާދަކުރާ 292 ބައިވެރިން ހިމެނޭކަމަށެވެ. އަދި، މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށްކަމުން ހާފިޒުންގެ ބައިގައި 15 ބައިވެރިން ވާދަކުރައްވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަހަރުގެ މުބާރާތުގެ ކިޔެވުން ސަލްމާން މިސްކިތުގެ ދެ ހޯލްގައި ކުރިޔަށްގެންދަން ރާވާފައިވާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. އަދި، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ.
މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާގޮތަށެވެ. އެހެންނަމަވެސް ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނެސްގެން ކަމަށެވެ. އޭގެތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ވަނީ ތާވަލުކޮށްފަ އެވެ. އަދި، މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށްދޭ އިނާމާއި، ހަނދާނީ ފިލައާއި، އައްޑަނައަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާ ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް، އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ވަނީ ވަނީ ހަމަޖައްސާފަ އެވެ.
މިރޭ މުބާރާތް ފަށާއިރު، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.



