ފ. ނިލަންދޫގައި މަސް ފެކްޓަރީ އަޅަން ސަރުކާރުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ)އެއްގައި ސޮއިކޮށްފައިވާ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ޓީމަކުން އެރަށަށް ގޮސް ފަންނީ މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ފ. ނިލަންދޫގައި މަސްފެކްޓަރީ އެޅުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޗައިނާގެ ޑޮންފަންގް ކުންފުނީގެ ފަންނީ ބޭފުޅުން މިއަދު ނިލަންދޫއަށް ވަޑައިގެންފައި ވާކަމަށެވެ. އަދި، މިދަތުރުގައި ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާ ބައިވެރިވެ ވަޑައިގެންނެވިކަމަށްވެސް މިނިސްޓްރީން ބުނެފައި ވެެއެވެ.

ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނުން ނިލަންދޫގައި ދެ ފިޔަވައްސަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި މަސްކިރުމަށާއި، ކެރިއާ ބޯޓުތަކަށް ލޭންޑިންގެ ފެސިލިޓީއަކާއެކު ޚާއްސަ ބަނދަރެއް ތަރައްގީކުރުމާއި، އެކޮމޮޑޭޝަން ގާއިމުކުރުމާއި، މަގުތައް ތަރައްގީ ކުރުން ހިމެނެއެވެ. މީގެ އިތުރުން، މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއެކު، 1،500 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުން ހިމެނެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތުގެތެރެއިން ދުވާލަކު 50 ޓަނުގެ މަސް ބަންދު ކުރެވޭ ފެންވަރުގެ ފެކްޓަރީއެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
އެޕްރީލްމަހު ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަންއާއެކު އެއްބަސްވީ ދ. މާދެލީގައި މި މަޝްރޫއު ކުރިޔަށް ގެންދިއުމަށެވެ. އެ މަޝްރޫއު ނިލަންދު އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ އެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ ނިލަންދޫގައި އެޅުމަށް ނިންމަވާފަ އެވެ. އެއާއެކު ފ. ނިލަންދޫގައި މަސްފެކްޓަރީ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި ގުޅޭގޮތުން އެ ރަށު ކައުންސިލާ މަޝްވަރާކޮށްފައިވާކަމަށް މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.




