ގާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމުން އަތުލައިގަނެފި އެވެ.
ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ އިޖުރާއަތްތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން، ޖޫން 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށް އަދި މާލެއާއި ހުޅުމާލޭގެ 4 ތަނެއް 2024 ޖޫން 26 ވަނަ ދުވަހު ބަލައި ފާސްކުރިކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ އެއްބާރުލުމާއެކު ކަސްޓަމްސްއިން ކުރިޔަށްގެންދިޔަ މި ޚާއްސަ އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަންގެ ނުވަތަ 1،731،597 ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުގެ މާކެޓް ވެލިއުއަކީ 1،600،596.00 ރުފިޔާކަމަށް ލަފާކުރެވޭކަމަށެވެ. އަދި، އޭގެ އިމްޕޯޓް ޑިއުޓީގެގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭކަމަށްވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
ކަސްޓަމްސްއިން ބުނީ މިހާރު އެއިދާރާގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލާ ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަރ ޕްރޮފައިލްއަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރަށް ރިއާޔަތްކޮށް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށްކަމަށެވެ. އެގޮތުން ކަސްޓަމްސްއަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގާނޫނާއި ގަވާއިދާއި ޚިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަރ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ގާނޫނާއި ގަވާއިދާއި ޚިލާފު އަމަލުތަށް ހިންގާ ނެޓްވަރކްތައް ހޯދައި އެފަރާތްތަކަށް ވާސިލުވުމަށްޓަކައި ކޮންޓްރޯލްދް ޑެލިވަރީ އޮޕަރޭޝަންތައް ކުރިޔަށްގެންދާކަމަށެވެ.
ކަސްޓަމްސްއިން ގާނޫނާއި ގަވާއިދާއި ޚިލާފު އަމަލުތަށް ހިންގާ ނެޓްވަރކްތައް ހޯދައި އެފަރާތްތަކަށް ވާސިލުވުމަށްޓަކައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ކްލިއަރކުރާ މުދާ ގެންގޮސް ބަހައްޓާ ތަންތަން ބަލައި ފާސްކޮށް، އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެއެވެ. އަދި، އެ އޮޕަރޭޝަންތަކުަގައި ފާހަނގަކުރެވޭ ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެ ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.



