ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ޒިޔާރަތްނުކުރުމަށް އަންގައިފި އެވެ.
އައިޖީއެމްއެޗްއިން މިކަން އަންގާފައިވަނީ މިރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި މެސެޖެއްގައެވެ.
އައިޖީއެމްއެޗުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ހައްޖުން އައި މީހުންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން، ހޮސްޕިޓަކުގައި ތިބޭ ޒިޔާރަތްކުރާ ބަލި މީހުންނާއި، މުވައްޒަފުންނާއި، މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެގެ ގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތްނުކުރުމަށް އަންގާފައިވާއިރު، އެއްވެސް ހާލަތެއްގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރަންޖެހިއްޖެނަމަ މާސްކް އަޅައިގެން ޒިޔާރަތްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ވަކިން ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަމަށް ސަމާލު، މާސްކް އަޅައިގެން ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށާއި، އެ ހޮސްޕިޓަލުގެތެރޭގައި އެއްވެ އުޅުމުން ދުރުހެލިވުމަށްވެސް އައިޖީއެމްއެޗުންވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، އެނބުރި ރާއްޖެ އައި ހުރިހައި ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފައިވަނީ، މިމަހުގެ 26 ވަނަ ދުވަހުއެވެ. އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަނަބްރު 10 ގައި ގާއިމުކޮށްފައިވާ އެ ކްލިނިކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ހިމެނެއެވެ. އެ ކްލިނިކްގެ ޚިދުމަތް ކޮންމެ ދުވަހެެއްގެ ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ. ކްލިނިކްގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 3335335 އަށް ގުޅާލުމަށް އައިޖީއެމްއެޗުން އެދިފައި ވެއެވެ.
ކޮންމެ އަހަރަކުވެސް ހައްޖު މޫސުމަށްފަހު، ރޯގާތައް ފެތުރެއެވެ. އަދި ހައްޖުން އަންނަ މީހުންވެސް ރޯގާއާއި ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން ޖެހެއެވެ. މިކަމަށްޓަކައި ހޮސްޕިޓަލްތަކުން ޚާއްސަ އިސްކަމެއް އަބަދުވެސް ދެއެވެ.
މިއަަހަރު ހައްޖުން އައި ފަރާތެއް ވަނީ އިންވޭސިވް މެނިންގޯކޮކަލް ބައްޔަށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. މި ކޭސްއާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ފަށާފައެެވެ. އަދި މިއަހަރު ހައްޖަށްދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.



