ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އިއްޔެ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރޭގައި ހިމެނޭ، ރާއްޖޭގައި ގާނޫނާ ޚިލާފަށް އަމިއްލަ ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓްކޮށްލާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝަމްއާން ވިދާޅުވީ، އިއްޔެގެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، އޭގެތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީންތަކެއް ދެނެގަނެވިފައިވާކަމަށެވެ. އަދި، އެމީހުން އުސޫލުގެ ތެރެއިން ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެކަމަށެވެ.
ޝަމްއާން ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވީ ހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުން ދާނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުގެ އިސްނެގުމާއެކު ފުުހުންނާ ގުޅިގެން އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި މާލޭ ލޯކަލް މާރުކޭޓާއި، މާލެތެރޭގައި ހިންގާ މާރުކޭޓުތައް ބަލާ ގަވާއިދާ ޚިލާފަށް އުޅޭ 50 ބިދޭސީން ފުލުހުން ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އެ މީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، ފުލުހުންނާއި، އިމިގްރޭޝަން ގުޅިގެން “އޮޕަރޭޝަން ކުރަނގި”ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ މީގެ ދެމަސް ކުރިން ފަށާފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މި މަސައްކަތުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަން ހެދޭވަރުގެ ފޮޓޮއާއި މައުލޫމާތު ދަނީ ނަގަމުންނެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ.




