ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
މި މަހުގެ 25 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
ސަރުކާރުގެ ފަރާތުން ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގައި، ބަލަހައްޓައި، މެނޭޖް ކުރަނީ ގައުމުގެ އިގުތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން، އަދި ގައުމުގެ އިގުތިސާދީ ފުފުންތެރިކަމާއި، ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ދަރަނިނެގުމާއި ބެލެހެއްޓުމާއި، މެނޭޖްކުރުމާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވަރިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާގުޅޭ މައުލޫމާތު ހާމަކުރުމާއި، ރިޕޯޓްކުރުމާއި މޮނިޓަރ ކުރުމާގުޅޭ އުސޫލުތަށް ބަޔާންކުރުމެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަނީވެސް މި ބިލު އަވަސްކުރުމަށެވެ. މިއަދު ޖަލްސާގައި މި ބިލުގެ އިބުތިދާއީ ބަހުސް ވަނީ ފަށާފަ އެވެ. ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ ސަރުކާރުން ދައުލަތް ދަރަނިވެރިކޮށް ”ދަރަނި ދަންތުރަ“އެއްގައި ޖައްސާފައިވާކަމަށެވެ. އަދި ގައުމުގެ މާލީ ހާލަތު މިހާ ދަށްވެފައިވަނީ މިިދިޔަ ފަސް އަހަރުގެެތެރޭގައި އިގުތިސާދު ”މިސް މެނޭޖް“ ކުރުމުގެ ސަބަބުންކަމަށާއި މީގެ ސަބަބުން މި ސަރުކާރަށް ދަތި އުދަނގޫތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް މެންބަރުން ވިދާޅުވެފައި ވެއެވެ.
ދަރަންޏާބެހޭ ބިލަކީ، މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ހިމެނޭ ބިލެކެވެ.



