ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފި އެވެ.
ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފަ އެވެ. އެގޮތުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ އަދި ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ގާއިމްކުރެވިފަ އެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިންގ ކޮމާންޑެއް ވަނީ ގާއިމްކޮށްފަ އެވެ.
އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެކެވެ. އަދި ތަަޢުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންވަނީ އައްޔަންކޮށްފައެވެ. މީގެއިތުރުން ފުލުހުންގެ ގަވަރނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ޚިދުމަތްތައް ތަރުތީބު ކުރެވިގެންދާނެއެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ ހިމަނާފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެބަދަލުތަކަށް 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.




