ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީ ރުހުން ދީފި އެވެ.
އަބްދުއްރަހީމްއަށް ރުހުންދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވުމުން، އެމައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އެކޮމިޓީން ނިންމެވީ މަޖިލީހުން އަބްދުއްރަހީމަށް ރުހުން ދޭން ފެންނަކަމަށެވެ. އެ ކޮމިޓީގެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވައި، ބަހުސްއަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެންބަރަކު އެއަށް ބަދަލެއް ހުށަހަޅުއްވާފައެއް ނުވެއެވެ.
ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަށް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީ ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ. ރުހުންދިނުމަށް ބޭނުންވާ އަދަދަކީ 40 ކަމަށްވުމާއެކު އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުނުކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރެެއްވި އެވެ.
އުމުރުން 60 އަހަރު ފުރުމާއެކު، އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަހަރުގެ އޭޕްރީލް 17 ވަނަ ދުވަހު އެވެ. ސިފައިންގެ ޚިދުމަތުން އަބްދުއްރަހީމް ރިޓާޔަރުކުރެއްވުމާއެކު ސަރުކާރުން އެމަނިކުފާނު، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރެއްވި އެވެ. އަދި އެއަށްފަހު ތުރުކީގެ ސަފީރަށް އެމަނިކުފާނު އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވި އެވެ.
އަބްދުއްރަހީމް ވެގެންދާނީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ސަފީރަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ”ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ“ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.
ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައެވެ.




