ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރުކަމަށް ނ. ހޮޅުދޫ، އުފަންވެލި، ތޯހާ މުހައްމަދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ނިންމެވީ ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުކަަމަށް ތޯހާ އައްޔަން ކުރެއްވުމަށެވެ. އަދި ތޯހާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވި މައްސަލަ ޚާރިޖީ ގުޅުންތަކާ ގުޅޭ ކޮމިޓީން ދިރާސާކޮށް މެއި 6 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއިން ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ތޯހާ އައްޔަން ކުރަން ރުހުން ދިނެވެ. އެހެންނަމަވެސް ރައީސް ތޯހާއަށް މަގާމުގެ ފަތްކޮޅު އަރުވާފައެއް ނުވެއެވެ.
އޭގެ ފަހުން ޖޫން 4 ގައި، ސައުދީ އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް ތޯހާ އައްޔަންކުރުމާމެދު މަޖިލީހަށް ފެންނަ ގޮތެއް ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޓީފުޅެއް ފޮނުއްވިއެވެ. އެހެންނަމަވެސް އެސިޓީގައި އެ ގެންނެވި ބަދަލުގެ ސަބަބު ބަޔާންކުރައްވާފައެއް ނުވެއެވެ.
ސައުދީ އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް ތޯހާ އައްޔަންކުރުމާމެދު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އެކޮމިޓީން ނިންމެވީ ތޯހާއަށް ރުހުން ދޭން ފެންނަކަމަށެވެ. އެ ކޮމިޓީގެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށްފަހު، ތޯހާއަށް ރުހުންދިނުމަށް ވޯޓަށް އެހިއެވެ. ތޯހާގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފަށް ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަންކުރުމަށްވެސް ރުހުން ދީފަ އެވެ.




