ގއ.ވިލިގިއްޔަށް ނިސްބަތްވާ ޒުވާން ކެޔޮޅު އަދި އެކްޓިވިސްޓް އަލީ ސާޖިދުގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ.
ސާޖިދު އިއްޔެރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލީގައި އުމުރުން 46 އަހަރުގެ އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ރޭގޭ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އެކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އުމުރުން 32 އަހަރުގެ ސާޖިދު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކެޔޮޅު ސާޖިދަކީ މަސްވެރިންގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ޒުވާނެކެވެ. ޚާއްސަކޮށް މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލައިގައި އެންމެ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުން އަންނަ ކެޔޮޅެކެވެ.



