ލ. ގަމުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން 27 ވަނަ ދުވަހު ލ. ގަމުގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ މީހަކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު 18 އަހަރުގެ މީހާ ވަނީ ދޫކޮށްލާފަ އެވެ. އަދި 21 އަހަރުގެ މީހާއާއި، 30 އަހަރުގެ މީހާ 10 ދުވަހަށް އަދި 35 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ، ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ބުލެޓާއި، ރަބަރު ކޮތަޅަކާއި، 232 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.
މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.



