ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.
އަދި މިކަރުދާހުގައި ހުށަހަޅާފައިވާގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ނިންމަވާފައި ވެއެވެ.
މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް މި ކަރުދާހުގައި ހިމަނާފައި ވެއެވެ.



