ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މިއަދު މަޖިލީހަށް ހުަށަހެޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 8 ވަނަ ޖަލްސާގައެވެ. އަދި، މިއަދު ޖަލްސާގައި މިހާރު ކުރިޔަށްދަނީ އެ ބިލުގެ އިބްތިދާއީ ބަހުސްއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެކަށިގެންވާގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިނގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނިވި ދެފުށްފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށެވެ. އަދި، ދައުލަތުގެ ފިސްކަލް ކަންކަމާގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުުރުމެވެ.
8 ބާބާއި 1 ޖަދުވަލުގެ މައްޗަށް އެކުލަވާލާފައިވާ މި ބިލުގައި، ފިސްކަލް ޕޮލިސީގެ ހަމަތައް ކަނޑައަޅާފައިވާގޮތާއި، މަރުކަޒީ ބޭންކުން އެޑްވާންސަށް ފައިސާ ނެގުމުގެ ހަމަތަކާއި، ފިސްކަލް ޒިންމާގެ ޗާޓަރާއި، ފިސްކަލް ޒިންމާގެ ޗާޓަރުގެ މަގުސަދުތަކާއި، ފިސްކަލް އަމާޒުތައް ކަނޑައެޅުމާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމަނަންޖެހޭ މައުލޫމާތާއި، ފިސްކަލް ޒިންމާގެ ޗާޓަރު ފާސްކުރުމާއި ޝާއިއު ކުރަންޖެހޭ ހަމަތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް(ޕީއެސްއައިޕީ)ތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގައި އެ ޕްރޮގްރާމްތަކުގެ ފީޒިބިލިޓީ ވަޒަންކުރަންޖެހޭނެކަން ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުންނާއި، ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމާއިރު ފިސްކަލް ޕޮލިސީގެ ހަމަތައް ހިފަހައްޓަން ޖެހޭނެކަމާއި، ފިސްކަލް ޕޮލިސީގެ ހަމަތަކަށް އަމަލުކުރުން އިސްތިސްނާވާ ހާލަތްތަކާއި، އިސްތިސްނާވާ ހާލަތްތަކުގައި ފިސްކަލް ޒިންމާގެ ޗާޓަރު އިސްލާހު ކުރުމުގެ އިތުރުން، ފިސްކަލް ޒިންމާގެ ޗާޓަރު މުރާޖައާ ކުރާނެ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.
މި ބިލުގައި ދައުލަތުގެ ފިސްކަލްސް ސްޓްރެޓެޖީ ބަޔާނުގެ އޮޕަރޭޝަނަލް އަމާޒުތައް ކަނޑައެޅުމާއި، އޭގައި ހިމަނަންޖެހޭ މައުލޫމާތު ތަކަކީ ކޮބައިކަމާއި، އެ ފާސްކުރުމާއި، އެ ޝާއިއުކުރުމާއި، ފިސްކަލްސް ސްޓްރެޓެޖީ ބަޔާން ދައުލަތުގެ އަހަރީ ބަޖެޓާއި އެއްހަމަކުރަންޖެހޭނެކަން ބަޔާންކޮށްފައި ވެއެެވެ. އަދި ދައުލަތުގެ އަހަރީ ބަޖެޓް އެކުަލަވާލަން ޖެހޭނީ ފިސްކަލްސް ސްޓްރެޓެޖީގެ ބަޔާނަށް ބިނާކޮށްކަމަށް ބިލުގައި ބުނެފައި ވެއެވެ.
މި ބިލުގައި، ދައުލަތުގެ ބަޖެޓު ނަތީޖާ ބަޔާން ހުށަހަޅަންޖެހޭނެކަމުގައިވެސް ބަޔާންކޮށްފައި ވެއެވެ. މި ބަޔާނަކީ ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 5 މަސް ދުވަހުގެ ތެރޭގައި ފާއިތުވީ މާލީ އަހަރުގައި ދައުލަތުގެ ބަޖެޓުން ހާސިލުކުރެވުނު ނަތީޖާތައް ހިމެނޭހެން މިނިސްޓަރު އެކުލަވާލާ ނަތީޖާ ބަޔާނެވެ. އަދި މި ބަޔާނަކީ ރައްޔިތުންގެ މަޖިލީހަށާއި، އޮޑިޓަރ ޖެނެރައަލް އޮފީހަށް ހުށަހަޅައި އާންމުކޮށް ޝާއިއުކުރަން މަޖްބޫރުކުރެވިފައިވާ ބަޔާނެއްކަމަށް ބިލުގައި ބުނެފައި ވެއެވެ. އަދި ބަޔާނުގެ ކަންކަމުގައި މާލީ ވަޒީރު މަޖިލީހަށް ހާޒިރު ކުރެވޭނެ އިޖުރާއަތްތައްވެސް ބަޔާންކޮށްފައި ވެއެވެ.
މި ބިލަކީ، މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ހިމެނޭ ބިލެކެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވެގެންދިއުމާއެކު، މިހާރު އަމަލުކުރެވެމުންދާ ދައުަލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނު އުވިގެންދާނެ އެވެ.
މި މަހުގެ 25 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް އިއްޔެ ބާއްވާފައިވާއިރު، މިއަދުގެ ޖަލްސާގަވެސް އެ ބިލަށް ބަހުސްކުރަން އެޖެންޑާކޮށްފައި ވެއެވެ.


