ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ”ވާނުވާ ބަންދު“ އުވާލަން ސަރުކާރަށް ގޮވާލާ ރައްޔިތުންގެެ މަޖިލިސްކުރާގެދޮށުގައި އާންމުންގެ ބަޔަކު އިހުތިޖާޖުކުރަން ފަށައިފި އެވެ.
އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ، ގާނޫނު އަސާސީއާ ކަމާ ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެންނަމަވެސް މިހާރު ތަންފީޒު ކުރަމުންދާ ”ވާނުވާ ބަންދު“ އުވާލުމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ވީހާ އަވަހަށް ވާނުވާ އުވާލައި، އަޅުގަނޑުމެންގެ ވާނުވާގައި ތިބި އަޚުން ދޫކޮށްލަން، އަޅުގަނޑުމެން ބޭނުންވަނީ ޕީޖީ ޝަމީމް މިހާރުން މިހާރަށް ވަކިކުރުމަށް.“ މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
މި އިހުތިޖާޖަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ޒުވާނުންތަކެއް އެކުވެގެން ކުރިޔަށްގެންދާ އިހުތިޖާޖެކެވެ. އެމީހުން ބުނަމުންދަނީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުންނޫނީ އެމީހަކަށް އަދަބު ދިނުން އިސްލާމްދީނުގައިވެސް ނޯންނަ ކަމަށާއި، މިހާރު ތަންފީޒުކުރަމުންދާ ”ވާނުވާ ބަންދު“ގެ ސަބަބުން ބައެއް ހާލާތްތަކުގައި އެއްވެސް ކުށެއް ނެތް ބަޔަކު އިންސާނީ ހައްގުތަކަކުން މަހްރޫމްވަމުން އަންނަކަމަށެވެ. އަދި ވާނުވާ ބަންދަކީ އެމީހުން ބަލައިގަންނަ އުސޫލެއް ނޫންކަމަށް ބުނެ، ރާއްޖެއިން ބައިވެރިވެފައިވާ އދ ގެ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާއި އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަންކަން ކުރިޔަށްގެންދިއުމަށް އެމީހުން ގޮވާލިއެވެ. އެމީހުން ދެކޭ ގޮތުގައި ޝަރީއަތެއް ނުހިންގާ ބަންދުކުރުމަކީ ”ނުހައްގު“ އަދަބެކެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނަމުންދަނީ ”ވާނުވާ ބަންދު“ ނިމުމަކަށް ގަނައުމަކީ ރައީސް ޑރ. މުހަމައްދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެންމެ ފަހުން ފެބްރުއަރީ މަހުވެސް، ވާނުވާއަށް ލުއިގޮތްތަކެއް ހޯއްދަވައިދިނުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ފަށްޓަވައިގެން ކުރިޔަށް ގެންދަވާކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެމީހުންގެ ޑިމާންޑަކީ ސަރުކާރުން ނުވަތަ ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެންބަރަކު އެމީހުންނާ ބައްދަލުކޮށް ޖަވާބެއް ދިނުމަށްކަމަށްބުނެ، އެމީހުންދަނީ ހަރުއަޑުން ގޮވާލަމުންނެވެ.
”ވާނުވާ ބަންދު“ އުވާލުމަށާއި، ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ތަކުރާރުކޮށް އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަޠީފް އިހުތިޖާޖުކުރަމުންދާ މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ އަޑު އެއްސެވި އެވެ. މެންބަރު ވިދާޅުވީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް(ޕީޖީ) އިންވެސް އެކަމާއި ވާހަކަދައްކަމުން އެބަދާކަމަށެވެ. އަދި އިހުތިޖާޖުގެ ބައިވެރިން މަގުމަތީގައި އަޑު އުފުލުމުގެ ބަދަލުގައި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަޝްވަރާގެ މޭޒަށް ދެވޭނެ ގޮތްތަކެއް އިންތިޒާމުކުރުމަށް މެންބަރު އެދިވަޑައިގެންނެވި އެވެ.
އެހެންނަމަވެސް އިހުތިޖާޖުގެ ބައިވެރިން ބުނީ، މިއީ އެއްވެސް މަޝްވަރާއަކަށް ދާން ފުުރުސަތު އޮތްކަމެއް ނޫންކަމަށާއި، ޕީއެންސީގެ މެޖޯރިޓީއެއް އޮތް މަޖިލީހަކުން އެމީހުންގެ ޑިމާންޑުތައް ފުރިހަމަކުރެވޭނެކަމަށެވެ. އެއީ ”ވާނުވާ ބަންދު“ އުވާލަން ގާނޫނަށް ބަދަލު ގެނެވޭނީވެސް މަޖިލީހަށް ކަމާއި، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވޯޓެއް ނަގައިގެން ޕީޖީ ވަކިކުރެވޭނެކަމަށް އެމީހުން ގަބޫލުކުރާތީ ކަމަށެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނަނީ ”ވާނުވާ ބަންދު“ އުވާލައި، ޕީޖީ މަގާމުން ވަކި ނުކުރާހާ ހިނދަކު ސިލްސިލާކޮށް އހުތިޖާޖު ކުރަމުންދާނެކަމަށެވެ.




