މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ގަތް މަހަށްވާ ފައިސާ ދޫކޮށްފި އެވެ.
މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 27 ޖޫންގެ ނިޔަލަށް މަސްވެރިންގެ ”ބެކްލޮގް“ ގައި ހުރި 53 މިލިއަން ރުފިޔާ އެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު މިވަނީ 353 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ އަދި ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ.
މިފްކޯއިން ”ބެކްލޮގް“ ޚަލާސްކުރުމާއެކު އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގައި އިހިތުޖާޖު ކުރަމުންދިޔަ މަސްވެރިން ވަނީ އެހިތިޖާޖު ހުއްޓާލާފަ އެވެ. މަސްވެރިންނަށް ފައިސާ ލިބުން ލަސްވާތީ އެކަމާއި ނުރުހުންފާޅުކޮށް އައްޑޫ މަސްވެރިން ކުރިޔަށްގެންދިޔަ ސިލްސިލާ އިހުތިޖާޖު ހުއްޓާލާފައިވަނީ 11 ދުވަސް ފަހުންނެވެ.


