މާލެ ސިޓީ، ހެންވޭރު ސަރަހައްދުން މިހާރު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ، އެސަރަހައްދަށް އަލުން ކަރަންޓް ދޫކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)އިން ބުނެފި އެވެ.
ހެންވޭރުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، އެސަރަހައްދަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަންގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ބުރިކޮށްގެން ބަޔަކު މީހުން ވަގަށް ގެންދިއުމާއި ގުޅިގެންނެވެ.
ސްޓެލްކޯއިން ބުނީ، މިހާދިސާއާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެެވެ. އެހެންކަމުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
”އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ، ވަގަށް ގެންދިޔައީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ކަމަށެވެ. އެގޮތުން، ޓްރާންސްފޯމަރަށް ގުޅާފައިވާ އެ ސްޓޭޝަންގެ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



